ކައިވެންޏާއި ބެހޭ ގޮތުން ޕްރިންސް ހެރީއަށް ޕްރިންސް ޗާލްސް ދެއްވި ނަސޭހަތް

ކައިވެންޏައިގެން ކުރިއަށް ދިޔުމަށް ކޮންމެ ދެ ބައިވެރިއަކަށްވެސް ގޮން ޖެހުން ތަކެއް ހުންނާނެއެވެ. މާލީ ނުތަނަވަސްކަން، ހިޔާލު ތަފާތުވުން އަދި ލޯބީގެ މައްސަލަ ތަކާއި ގުޅިގެން ރޫޅޭ ކައިވެނިތައް ގިނައެވެ....

26 Mar 2019 | 04:44

ކައިވެންޏައިގެން ކުރިއަށް ދިޔުމަށް ކޮންމެ ދެ ބައިވެރިއަކަށްވެސް ގޮން ޖެހުން ތަކެއް ހުންނާނެއެވެ. މާލީ ނުތަނަވަސްކަން، ހިޔާލު ތަފާތުވުން އަދި ލޯބީގެ މައްސަލަ ތަކާއި ގުޅިގެން ރޫޅޭ ކައިވެނިތައް ގިނައެވެ. މިފަދަ މައްސަލަތައް އެންމެ އާދައިގެ މީހުންގެ ކައިވެނިން ފެށިގެން ގޮސް ގައުމުތަކުގެ ވެރިންގެ ކައިވެންޏަށްވެސް އަސަރުކުރެއެވެ.

މިގޮތުން ގިނަ ގޮންޖެހުމެއް ކުރިމަތިވި އެއް ކައިވެންޏަކީ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ޕްރިންސަސް މޭގަން މާކަލްގެ ކައިވެންޏެވެ. ގައުމުން ބޭރު މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށުމުން ޕްރިންސް ހެރީއަށް އެތައް ފާޑު ކިޔުމެއް އަމާޒުވިއެވެ. އިނދެ ވަރި ކޮށްފައިވާ މީހަކާއި ގުޅިގެން އުޅުމުންވެސް އެތައް ފާޑުކިޔުމެއް އަމާޒުވިއެވެ. މީޑިއާއިން ކެނޑިނޭޅި ޕްރިންސް ހެރީ އަދި މޭގަންއަށް، އަދި ވަކިން ހާއްސަކޮށް މޭގަންއަށް އަމާޒުކޮށްފައިވާ ހަބަރުތަކާއި ފާޑުކިޔުންތަކުގެ ސަބަބުން މި ދެމަފިރިންނަށް އުޅެން ދަތިވިއެވެ.

މި ދަނޑިވަޅުގައި ޕްރިންސް ޗާލްސް، ޕްރިންސް ހެރީއަށް ވަނީ ވަރުގަދަ އެހެންނަމަވެސް ތިލަ ނަސޭހަތެއް ދެއްވާފައެވެ. "ސޯލްޖާ އޮން" އެވެ. މިބަހުގެ މާނައަކީ ހުރިހާ ކަމަކާވެސް ކެރިގެން ކުރިމަތިލާށެވެ. މިކަން ހާމަކޮށްފައިވަނީ ޕްރިންސް ޗާލްސް އަށް ހާއްސަ ކޮށްފައިވާ ޑޮކިޔުމެންޓްރީ "ޕްރިންސް ޗާލްސް އެޓް 70" ތައްޔާރުކުރުމުގައި ޕްރިންސް ޗާލްސް އާއި އެކު އެއް އަހަރު ދުވަސް ހޭދަކުރި ޖޯން ބްރިޑްކަޓްއެވެ. މި ނަސޭހަތާއި ގުޅޭ އިތުރު ތަފްސީލެއް ހާމަ ނުކުރިކަމުގައި ވިނަމަވެސް ބްރިޑްކަޓް ބުނެފައިވާ ގޮތުގައި ޕްރިންސް ޗާލްސްގެ ވިދާޅުވަނީ ކުރަން ހުރި ކަމަކައިގެން ކުރިއަށް ދާންޖެހޭ ކަމަށެވެ.

ޕްރިންސް ހެރީ އަދި މޭގަންގެ ކައިވެންޏަށް ކުރިމަތިވެފައިވަނީ ހަމަ އެންމެ އާދައިގެ މީހާއާއި ވެސް ކުރިމަތިވާ ގޮންޖެހުމެކެވެ. އެހެން މީހުންގެ ފާޑު ކިޔުން ކައިވެންޏަށް އަމާޒުވުމެވެ. މި ފާޑުކިޔުން ތަކަށް ބަލައިގެން ކައިވެނި ބައްޓަން ކުރަން އުޅެފިނަމަ ގިނަ ފަހަރަށް ކައިވެންޏަށް އަރާނީ ލޮޅުންތަކެވެ. އެންމެ ރަނގަޅު ގޮތަކީ ޕްރިންސް ޗާލްސް ވިދާޅުވި ފަދައިން ތިމާގެ ކަންކަމައިގެން، ގޮންޖެހުންތަކާއި ކުރިމަތިލައިގެން ކުރިއަށް ދިޔުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް