އެމްއެޗް370 ރާޑަރުން ގެއްލުމުގެ ހިނދުކޮޅެއް ކުރިން ކޯޕައިލެޓް މޯބައިލް ފޯން ބޭނުން ކުރި

މީގެ ފަސް އަހަރު ކުރިން 2014 ވަނަ އަހަރުގެ މާޗް އަށްވަނަ ދުވަހު، 239 މީހުނާއިއެކު ގެއްލުނު އެމްއެޗް370 ބޯޓު ރާޑަރުން ގެއްލުމުގެ ހިނދުކޮޅެއް ކުރިން ބޯޓުގެ ކޯޕައިލެޓް ފާރިގް އަބްދުލް ހަމީދު އޭނަގެ މޯބައ...

26 Mar 2019 | 04:38

މީގެ ފަސް އަހަރު ކުރިން 2014 ވަނަ އަހަރުގެ މާޗް އަށްވަނަ ދުވަހު، 239 މީހުނާއިއެކު ގެއްލުނު އެމްއެޗް370 ބޯޓު ރާޑަރުން ގެއްލުމުގެ ހިނދުކޮޅެއް ކުރިން ބޯޓުގެ ކޯޕައިލެޓް ފާރިގް އަބްދުލް ހަމީދު އޭނަގެ މޯބައިލް ފޯން ބޭނުން ކުރިކަމަށް ބުނާ ރިޕޯޓެއް ފެންމަތިވެއްޖެއެވެ.

ދަ އޮސްޓްރޭލިޔަން ނޫހުން ލީކުކޮށްލާފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ ފާރިގް ގެ ނަންމަތީގައި ރެޖިސްޓްރީ ކުރެވިފައިވާ ނަންބަރެއް މެލޭޝިޔާގެ ފާލިމްގެ ބަންޑާރ ބަރޫގައި ހުރި ޓެލެކޮމިޔުނިކޭޝަން ޓަވަރަކަށް ޓްރެކްވެފައިވާ ކަމަށެވެ.

މި ހެއްކާއި ގުޅިގެން ބޯޓުގެ ކެޕްޓަން ޒަހާރީ އަހުމަދު ޝާހު ގަސްތުގައި ބޯޓުގެ މިސްރާބު ބަދަކުކޮށް ބޯޓު ގެއްލުވާލީކަމަށް ބެލެވެއެވެ. ނަމަވެސް މެލޭޝިޔާއިން މިހާދިސާއާއި ގުޅިގެން ނެރުނު ރަސްމީ ރިޕޯޓުގައި ބުނެފައިވަނީ ބޯޓުގެ ދަތުރުގެ ފަހު މަރުހަލާގައި ކެޕްޓަން ހޭނެތިފައިވާކަމަށް ބެލެވޭ ކަމަށެވެ. އަދި އޮޓޯ ޕައިލެޓުގައި އިންޑިޔާ ކަނޑުމަތިން ދުވަމުން ދިޔަ ބޮއިން 777 މަރުކާގެ މި ބޯޓު ތެޔޮ ހުސްވެގެން ކަނޑަށް ވެއްޓުނީ ކަމަށެވެ. އަދި ބޯޓު ވަނީ އިންޑިޔާ ކަނޑުގެ އަޑީގައި ކަމުގައެވެ. މިބޯޓު ހޯދިފައި ނުވި ނަމަވެސް މިބޯޓުގެ ތިން ބައެއް އެފްރިކާގެ އައްސޭރިފަށަށް ވަނީ ލައްގާފައެވެ.

ބޯޓު ގެއްލުމަށް މެދުވެރިވި ސަބަބު އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ދެކޭއިރު އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ބޯޓުގެ ކެޕްޓަން ގަސްތުގައި ބޯޓު ވައްޓާލީއެވެ. އަދި ބޯޓު ރަޝިޔާއިން ހައިޖެކް ކޮށް ކަޒަކަސްތާނަށް ގެންގޮސްފައިވާ ކަމަށް ގަބޫލު ކުރާ ބަޔަކު އެބަ އުޅެއެވެ. ނަމަވެސް މިހާދިސާގެ ހަގީގަތް ހޯދުމަށް އެއްވެސް ފަރާތަކުން ވަނީ ނުކުޅެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް