ކާށިދޫ ޓޫރިސްޓު ވިލެޖުގެ އަމަލީ މަސައްކަތް ފަށައިފި

ކ. ކާށިދޫގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން  ތަރައްގީ ކުރާ ޓޫރިސްޓު ވިލެޖުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ. އެކަމަށްޓަކައި މިއަދު ކ...

26 Mar 2018 | 18:33

ކ. ކާށިދޫގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން  ތަރައްގީ ކުރާ ޓޫރިސްޓު ވިލެޖުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމަށްޓަކައި މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން އެމްއައިޓީޑީސީ އަށް އެއް މިލިއަން ޑޮލަރުގެ ލޯނު ދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓު ނިންމުމަށް ކަނޑައަޅާފައިވަނީ ހަ މަސްދުވަހެވެ. ޓޫރިޒަމް  މިނިސްޓްރީން ލަފާ ކުރަނީ އަންނަ އަހަރުގެ ސީޒަނަށް އެ ރަށަށް ޓޫރިސްޓުން ގެންދިއުމަށެވެ.

ކާށިދޫގައި މިއަދު ފެށި ޕްރޮޖެކްޓު ނިމޭއިރު 60 ކޮޓަރީގެ ތިން ގެސްޓު ހައުސް ހަދާނެ އެވެ. އަދި ވޭސްޓްމެނޭޖްމެންޓު ސެންޓަރަކާއި މަލްޓި ޕާޕަސް ހޯލެއްގެ އިތުރުން މޫދުގައި ތަރައްގީކުރާ ޓައިޑަލް ޕޫލް އެއް ހަދާނެ އެވެ.

މި ވިލެޖު ހެދުމަށް ނިންމާފައިވަނީ ކާށިދޫގައި މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި އެވެ. އެހެންވެ ޕްރޮޖެކްޓު ނިމޭއިރު އެ ސަރަހައްދަށްދާން ވަކި ބޮޑު މަގެއް ތަރައްގީ ކުރާ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފަދަ ޕްރޮޖެކްޓެއް އައްޑޫ ސިޓީ އާއި ހދ. މަކުނުދޫގައިވެސް ކުރިޔަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް