ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޙައްޖާބެހޭ ކަންތައްތައް ބަލަހައްޓަވާ މުއައްސަސާގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއަރމަން ޑރ. ރަޢުފަތު އިސްމާޢީލް އިބްރާހީމް ބަދުރުއާ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބައްދަލުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި މިއަދު ހެނދުނު މުޠައްވިފީ ޙައްޖާޖް ސައުތު އޭޝިއާ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މި މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އައްޝައިޚް ޢަލީ ޝަރީފާއި، ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން އަދި މި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ގެ އިތުރުން މި އަހަރު ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ގްރޫޕްތަކުގެ މަންދޫބުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޙައްޖާބެހޭ ކަންތައްތައް ބަލަހައްޓަވާ މުއައްސަސާގެ އެގްޒެކެޓިވް ކޮމިޓީގެޗެއަރމަންގެ އިތުރުން އެމުއައްސަސާގެ ބައެއް އިސްވެރިން ވެސް މިބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
"މި ބައްދަލުކުރެއްވުމުގައި 1439 ވަނަ އަހަރު ސަޢުދީއަށްދާ ދިވެހި ޙައްޖުވެރިންނަށް މުޠައްވިފުގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާބެހޭ އެއްބައްވަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ އިތުރުން މި ބައްދަލުވުމުގައި ވޭތުވެ ދިޔަ އަހަރުތަކުގެ ނަތީޖާއަށްބަލާ މި އަހަރު ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ދިވެހި ޙައްޖުވެރިން ޙައްޖު މޫސުމުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށްޓަކައި ފެންވަރު ރަނގަޅު ބަސް ހޯދުމާއި، މިނާ ޢަރަފާތަށް ބޭނުންވާ ފެންވަރު ރަނގަޅު ޓެންޓު ހޯދުމާއި، މިނާގެ ޓެން ޓުތަކުގައި ކޮންމެ ޙާޖީއަކަށް އެނދެއް ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މީގެއިތުރުން މިނިސްޓަރ ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ އެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި ދިވެހި އެންމެހާ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ." މިނިސްޓްރީން ބުނެފައި ވެ އެވެ.
މިނިސްޓްރީން ބުނެފައިވަނީ މިބައްދަލު ކުރެއްވުމުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޙައްޖާބެހޭ ކަންތައްތައް ބަލަހައްޓަވާ މުއައްސަސާއިން ވަނީ ދިވެހި ޙައްޖާޖީންނަށް ރަނގަޅު މުޠައްވިފެއް އިޚްތިޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށާއި 1439 ވަނަ އަހަރުގެ ޙައްޖާ ބެހޭ ހުރިހާކަމެއް ރަމަޟާން މަސް ނިމުމުގެ ކުރިން ކޮށް ނިންމުމަށް މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
މިއީ 1439 ވަނަ އަހަރުގެ ޙައްޖުގެ ކަންކަން ބެއްލެވުމަށްޓަކައި މިނިސްޓަރ މިހާރު ސަޢުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބައެ އްކަމަށާއި މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިނިސްޓަރ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ކަމުގައިވެސް މިނިސްޓްރީން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް