ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. ޝަރީއަތް ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު ފަހު 1:30 އަށެވެ.
ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.
މި ދައުވާގެ ދެ އަޑު އެހުމަށް މިހާތަނަށް ވަނީ ބާއްވާފާ އެވެ. ފުރަތަމަ އަޑު އެހުމުގައި ވަކީލަކު އައްޔަން ކުރަން ފުރުސަތު ދިނުމަށް ފަހު ދެވަނަ އަޑު އެހުމުގައިވެސް ވަކީލަކު އައްޔަން ކޮށްފައިނުވާތީ އެ ފުރުސަތު ދިނެވެ.
އެކަމަކު އެ ދުވަހު ޝަރީއަތް ނިމުނު ފަހުން އިތުރު އަޑު އެހުމެއް ބާއްވާ އެ އެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުކުމް ކުރި އެވެ. އެކަމާ އޭނާގެ ގާނޫނީ ޓީމުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
ރިޔާޒްގެ މައްޗަށް އުފުލާފައިވާ މި ދައުވާ ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަަށް އިއްވާނެ އެވެ. އެ ހުކުމުގެ ސަބަބުން މަޖިލީހުގެ ގޮނޑި ނުގެއްލުނު ނަމަވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެ އެވެ.
ރިޔާޒު ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް