ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތަކެއްގައި އެކަކު މަރުވެ އެތައް ބަޔަކަށް އަނިޔާވެފައިވާތީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް އަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ މިފިނޑި އަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. ސައުދީ ސަރުކާރާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ޔަގީންކަން މެސެޖުގައި ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުށެއްނެތް އާއްމު ރައްޔިތުންނާއި، މުހިއްމު ބިނާތަކަށް އަމާޒުކޮށް ދިން މިހަމަލާގެ ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.
ސައުދީއަށް ހޫތީން ވަނީ ވައިގެ މަގުން ހަތް މިސައިލް ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަތް މިސައިލްވެސް ސައުދީ އަސްކަރިއްޔާއިން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު އޭގެ ތެރެއިން ބައިތަކެއް އާންމުން ދިރިއުޅޭ ހިސާބަށް ވެއްޓި އެކަކު މަރުވެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފައި އެވެ.
ހޫތީން ފޮނުވާލި ތިން މިސައިލް އަމާޒުކޮށްފައިވަނީ ވެރިރަށް ރިޔާދަށެވެ. އަނެއް ހަމަލާތައް އަމާޒުކޮށްފައިވަނީ ހުޅަނގު ދެކުނުގައިވާ ޚާމިސް މުޝާއިތު ނަމަކަށަށް ކިޔާ ރަށަށާއި ދެކުނު ބޯޑަރުގައިވާ ނަޖުރާނަށާއި ދެކުނުގައިވާ ޖިޒާން ނަަމަކަށް ކިޔާ ރަށަށަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް