ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ފިޔަވަތީގައި ކުދިން ބަލެހެއްޓުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ތަމްރީން ކުރުމަށް "ޕޮޒިޓިވް ޕޭރެންޓިންގ ޓްރޭނިން" ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި އެވެ.
މި ތަމްރީން ޕްރޮގްރާމްގައި 24 މުވައްޒަފަކު ބައިވެރިވި އެވެ. ޖެންޑަ މިނިސްޓްރީން ބުނީ މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ މަރުކަޒުތަކުގައި ދިރިއުޅެމުންދާ ކުދިންނަށް އަޅައިލުމާއި އޯގާތެރިކަން ފޯރުކޮށްދޭން ތިބޭ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ހިންގި ޕްރޮގްރާމެއް ކަމަށެވެ.
މި ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. މިދިޔަ މަހާއި މި މަހު ކުރިޔަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އިން އިސްނަގައިގެން، ކުރުނބާ މޯލްޑިވްސްއާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) ގެ އެހީތެރިކަމާއި އެކު އެވެ.
މި ޕްރޮގްރާމްގައި މައުލޫމާތުދިން ބައިތަކުގެ ތެރޭގައި "ކުދިން ހެދިބޮޑުވުމާއި، އެ ކުދިންގެ ބޭނުންތަކާއި ޙައްޤުތައް"، "ކުދިން ހެދިބޮޑުވުމުގައި އަންނަ ތަފާތު މަރުޙަލާތައް"، "ކުދިންނާ މުޢާމަލާތުކުރުން"، "ކުދިން ދައްކާ ވާހަކަ އަޑުއެހުން"، "ރުޅި ކޮންޓްރޯލް ކުރުން"، "މައްސަލަތައް ޙައްލުކުރުން" އަދި "އަމިއްލަ ނަފްސު ރައްކާތެރިކުރުމާއި އަމިއްލަ ނަފްސަށް އަޅައިލުން" ހިމެނެއެވެ.
"ޕޮޒިޓިވް ޕޭރެންޓިންގ ޓްރޭނިންގ" ޕްރޮގްރާމްގެ ޖުމުލަ 4 ބުރެއް ހިންގިފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 138 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 87 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތި މަރުކަޒުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް