ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ފަހު ކޮޅު ހުޅުމާލެއިން ދޫކުރި ފްލެޓުތަކުގެ ތެރެއިން ވެރިފަރާތް ދިރިނޫޅެ، އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ފްލެޓެއް ހުސްކުރަން އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން އެ ފްލެޓު ދީފައިވާ ފަރާތަށް 30 ދުވަހުގެ ތެރޭގައި އެ ފްލެޓު ހުސްކުރަން އަންގާފައި ވެ އެވެ. ހައުސިންގ މިނިސްޓްރީން އެ ފްލެޓު ދީފައިވާ ފަރާތަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ފްލެޓުތައް ސާވޭ ކުރި ކުރުމުން އެ ފްލެޓުގައި ދިރިއުޅެނީ ކުއްޔަށް އުޅޭ ބަޔަކުކަން އެނގިފައިވާތީ، ވެރިފަރާތާއި އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް ފްލެޓު އަތުލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ސިޓީ މީޑިއާ ލިބިފައި ވީނަމަވެސް އެއީ ކޮން ފްލެޓެއް ކަމެއް ނޭނގެ އެވެ.
މަހަކު 6500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ފްލެޓު ދޫކުރުމުން އެ ފްލެޓުތައް އެހެން މީހުންނަށް ބޮޑު އަގުގައި ކުއްޔަށް ދެމުންދާ މައްސަލަ ފްލެޓުތައް ދޫކުރި ދުވަސްވަރު ވަނީ ފެންމަތިވެފައިވެ އެވެ. އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނެފައިވަނީ ވެރިފަރާތް ނޫން ބަޔަކު އުޅޭނަމަ އެ ފްލެޓެއް އަތުލާނެ ކަމަށެވެ.
އަލަށް މީހުން ދިރިއުޅުމަށް 661 ފްލެޓު ދޫކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް