ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތާރީހީ ގޮތުން މުހިންމު އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ އެ ފަންޑުގެ އެހީތެރިކަމާއި އެކު ކޯގަންނު ސަރަހައްދަށް ޒިޔާރަތް ކުރާ މީހުންނާއި މިރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެއް ގާއިމްކޮށްފައިވާ ކަމަށެވެ. މި މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ހަދާފައި ހުރެ އެވެ.
ރާ ފަޅާ ބީޗް" މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނެކެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަން ފަށާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މިފަދަ ސަރަހައްދެއް ތަރައްގީ ކުރުމުގައި ބީއެމްއެލް ހިއްސާވެ އެހީތެރިވުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހުޅުމީދޫގެ އަންހެނުންގެ ބައިވެރިވުން އެ ބޭންކުން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމަށް ވިދާޅުވި އެވެ.
"ތާރީހީ ގޮތުން މުހިންމު "ކޯގަންނު" ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް މިވަނީ މި ޕްރޮޖެކްޓެކްގެ ދަށުން ތަރައްގީކުރެވިފައި. މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ވަރަށް ބޮޑަށް ފާހަގަކުރަން. ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުން ބޭނުންކުރުމަށް މިފަދަ ހިތްފަސޭހަ މައިޒާނެއް ތަރައްގީ ކުރުމަށް އެހީތެރިވެވުމަކީ އަޅުގަނޑުމެނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ސައީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި މިއަހަރުގެ ކޮންމެ ކުއާޓާއެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލަކަށް ހުށަހަޅާ ކަމެއް ކުރުމަށް50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ ފަންޑުން އެހީދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު، ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމެވެ.
މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ 20 ރަށެއްގައި ތަފާތު ކަންކަން ހިންގުމަށް މި ފަންޑުން އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް