ދުނިޔޭގައި ފުރަތަމަ ފަހަރަށް 5ޖީ ގެ ޚިދުމަތް އުރީދޫއިން ދޭންފަށަނީ

އުރީދޫއިން 5ޖީ ގެ ޚިދުމަތް ފެށުމަށްޓަކައި ގަތަރުގައި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރުވަނީ ކޮށްފައެވެ. 5ޖީއާއެކު އުރީދޫން މިއުޅެނީ މިރޭހުގެ އެންމެ ކުރީގައެވެ. 5ޖީގެ މިޚިދުމަތާއެ...

26 Feb 2018 | 07:57

އުރީދޫއިން 5ޖީ ގެ ޚިދުމަތް ފެށުމަށްޓަކައި ގަތަރުގައި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް މިހާރުވަނީ ކޮށްފައެވެ. 5ޖީއާއެކު އުރީދޫން މިއުޅެނީ މިރޭހުގެ އެންމެ ކުރީގައެވެ.

5ޖީގެ މިޚިދުމަތާއެކު ޤަތަރުގައި މިހާރު ދެމުންދާ 4ޖީގެ ޚިދުމަތް ޑަބަލްވެގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. ތަޢާރަފްކުރެވިގެންދިޔަ 5ޖީގެ ޚިދުމަތާއެކު ޢާންމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން ރޮބޮޓިކް ސަރޖަރީއާއި އޮޓޮމެޓިކް ވެހިކަލްތަކާއި ކުޅިވަރު ގޭމްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނުވާނެކަމަށް އުރީދޫއިން ހާމަކުރެއެވެ.

އުރީދޫއިން 5ޖީ ގެ ޚިދުމަތް އެންމެ ފުރަތަމަ ދޭންފަށާފައިމިވަނީ ކުންފުނި ނިސްބަތްވާ ޤަތަރަށް ނަމަވެސް ކުރިޔަށް އޮތްތަނުގައި މިޚުދުމަތް މެދުއިރުމަތި، އުތުރު އެފްރިކާ އަދި ދެކުނުއިރުމަތި އޭޝިޔާގެ ޤައުމުތަކަށް ދެމުންގެންދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

އުރީދޫ ކުންފުނީގެ ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި އުރީދޫ ޤަތަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަލީދް އަލް ސަޔިދް ބުނީ މޯބައިލް ފޯނުގެ ދުނިޔޭގައި އުރީދޫއިން އާ ކަންތައްތައް އީޖާދަކުރުމުގައި ކުރިޔަށްދާކަމަށާއި އޭގެ އެއް މިސާލަކީ ދުނިޔޭގައި ފުރަތަމަ ފަހަރަށް 5ޖީ އީޖާދަކުރި ކުންފުންޏަށް އުރީދޫވެގެން ދިޔުންކަމަށް ވަނީ ބުނެފައެވެ.

" އިންޓަރނެޓް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ފޯރުކޮށްދެވުމުގެ ސަބަބުން މިހާރަށްވުރެ ބޮޑަށް އޯގަނައިޒޭޝަންތަކާއި ސިޓީތައް އަދި ޤައުމުތައް އެއްކޮށް ޑިޖިޓަލްވެގެންދާނެ. އެއާއެކު މީހުންގެ ދިރިއުޅުން ފަސޭހަކޮށް ޑިޖިޓަލް ކުރުމަށް ކުންފުނިން ވެފައިވާ ވަޢުދު ފުއްދުމަށްވެސް އިތުރު ހަރުފަތެއް ގިރާކުރެވިގެންދިޔައީ. މިފޯރުކޮށްދެވޭން ފެށި ޚިދުމަތާއެކު އިންޓަރނެޓް ބޭނުންކުރުމުގައި މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." ވަލީދް އަލް ސަޔިދް ބުންޏެވެ.

މިއީ އުރީދޫ ގުރޫޕަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމުގައި އެ ކުންފުނިން ފާހަގަ ކުރާއިރު އުރީދޫން މިހާރު ވަނީ މިޔަންމާއަށް 4ޖީ ޕްލަސް ހިދުމަތް ފުޅާ ކޮށްފަ އެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް 3 ޖީގެ ހިދުމަތް ދޭން ފަށާފަ އެވެ.

ނިމިދިޔަ 2017 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން ވަނީ 164 މިލިއަން ކަސްޓަމަރުންނަށް ހިދުމަތް ދީފައެވެ. އެކުންފުންޏަށް މިދިޔަ އަހަރު ވަނީ 8.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމުގައިވެސް އުރީދޫން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް