އާސެނަލް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ކަޕް އުފުލާލައިފި

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ގާތުގައި އޮތް މެންޗެސްޓާ ސިޓީން، އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި 3-0 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް މި ސީޒަންގެ ފުރަތަމަ ތަށި އުފުލާލައިފިއެވެ. މި ސީޒަންގައި 4 ތަށްޓ...

26 Feb 2018 | 03:48

އިނގިރޭސި ޕްރިމިއާ ލީގު ހޯދުމާ ގާތުގައި އޮތް މެންޗެސްޓާ ސިޓީން، އިނގިރޭސި ލީގު ކަޕްގެ ފައިނަލްގައި 3-0 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް މި ސީޒަންގެ ފުރަތަމަ ތަށި އުފުލާލައިފިއެވެ.

މި ސީޒަންގައި 4 ތަށްޓަށް އަމާޒު ހިފާފައި ވަނިކޮށް، އެފްއޭ ކަޕްގައި ވިގަން އަތުން ބަލިވެ ކެޓި ނަމަވެސް، މެންޗެސްޓާ ސިޓީން މި ވަނީ ލީގު ކަޕް ކާމިޔާބުކޮށް، މިދިޔަ ސީޒަން ހުސްއަތާ ނިންމާލަން ޖެހުނު ޖެހުން ނިމުމަކަށް ގެނެސްފައެވެ.

އަނެއްކޮޅުން ބާސެލޯނާ އާއި ބަޔާން މިޔުނިކްގައި ކޮންމެ ސީޒަނެއްގައި ކާމިޔާބީތައް ހޯދުމަށްފަހު އައި ގާޑިއޯލާއަށް، މިދިޔަ ސީޒަންގައި ސިޓީއަށް ތަށްޓެއް ހޯދައި ނުދެވުމުން އަމާޒުވި ފާޑުކިޔުންތައް ވެސް މި ވަނީ ނިމުމަކަށް އަހިސްފައެވެ. ގާޑިއޯލާއާއެކު ސިޓީއަށް މިހާރު ވަނީ ޕްރިމިއާ ލީގު ވެސް ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ރޭގެ ފައިނަލް މެޗަށް އާސެން ވެންގާ ބޭނުންކުރި ފޯމޭޝަންއާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. މެންޗެސްޓާ ސިޓީ ފަދަ ވަރުގަދަ އެޓޭކިންގ ޓީމަކާ ދެކޮޅަށް ވެންގާ އާސެނަލްގެ ޓީމު ރާވާލީ 3 ޑިފެންޑަރުން ފަހަތުގައި ތިބެ މެދުތެރެއަށް ކުޅޭ ކުޅުންތެރިން ގިނަ ކޮށްގެންނެވެ. މިއީ ފާއިތުވި އަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީގެ މައްޗަށް އާސެނަލް ކުރި ހޯދިއިރު ވެސް ވެންގާ ބޭނުންކުރި ޓެކްޓިކްސް އެވެ.

ނަމަވެސް ރޭގެ މެޗުގައި ތިން ޑިފެންޑަރުންނާއެކު ފެށި އާސެނަލްއަށް ސިޓީގެ އެޓޭކްތައް ހުއްޓުވޭގޮތް ނުވިއެވެ. މެޗުގެ 18 ވަނަ މިނިޓުގައި ސިޓީގެ ގޯލްކީޕަރ ކްލާޑިއޯ ބްރާވޯ ގޯލު ކުރިމަތިން ފޮނުވާލި ބޯޅަ މަތިން ގޮސް އާސެނަލްގެ އޭރިއާ ކައިރިއަށް އޮއްސުނުއިރު، އެ ބޯޅަ ލިބިގަތީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. އަގުއޭރޯ ހުއްޓުވުމުގައި އާސެނަލްގެ ޑިފެންޑަރ މުސްތަފީއަށް މާ ބޮޑުކަމެއް ނުކުރެވުނުއިރު، އަގުއޭރޯ ވަނީ ބޯޅައަށް ނުކުންނަމުން އައި އާސެނަލްގެ ގޯލްކީޕަރުގެ ބޯ މަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ސިޓީއަށް ލީޑު ނަގައިދީފައެވެ.

ސިޓީން ލީޑު ފުޅާކުރީ މެޗުގެ 58 ވަނަ މިނިޓުގައެވެ. ޑި ބްރޭނާ ފޮނުވާލި ހިލޭޖެހުން މުސްތަފީއަށް ރަނގަޅަށް ސާފުކޮށް ނުލެވި، ޕްރެޝަރުގައި ކޯނަރަކަށް ބޯޅަ ބޭރުކޮށްލަން ޖެހުނުއިރު، ގުންޑޮގާން ނަގައިދިން ކޯނަރުން ވިސެންޓޭ ކޮމްޕެނީ ވަނީ ބޮލުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

އޭގެ 7 މިނިޓު ފަހުން ޑޭވިޑް ސިލްވާ ވަނީ ސިޓީއަށް 3 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ ޑަނީލޯ ދިން ބޯޅައަކުން ސިލްވާ ޖެހި ލަނޑެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް