ސްރީ ދޭވީގެ ހަށިގަނޑު އިންޑިޔާއަށް ގެންނަނީ

ހޮނިހިރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް ހަރޓް އެޓޭކެއް ޖެހިގެން ދުބާއީގައި މަރުވި އިންޑިޔާގެ މަޝްހޫރު އެކްޓްރެސް ސްރީ ދޭވީގެ ހަށިގަނޑު ޕްރައިވެޓެ ޖެޓެއްގައި ހޯމަ ދުވަހު އިންޑިޔާއަށް ގެނައުމަށް ހަމަޖެހިފަ...

26 Feb 2018 | 02:57

ހޮނިހިރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް ހަރޓް އެޓޭކެއް ޖެހިގެން ދުބާއީގައި މަރުވި އިންޑިޔާގެ މަޝްހޫރު އެކްޓްރެސް ސްރީ ދޭވީގެ ހަށިގަނޑު ޕްރައިވެޓެ ޖެޓެއްގައި ހޯމަ ދުވަހު އިންޑިޔާއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ސްރީދޭވީގެ ހަށިގަނޑުގެ އޮޓޯޕްސީ މިހާރުވަނީ ހަދާފައެވެ. އަދި އާއިލާއިން މިހާރު މަޑުކުރަމުންދަނީ ރިޕޯޓް ލިބޭނެ ވަގުތަކަމަށް ރިޕޯޓްތައް ބުނެއެވެ. ސްރީދޭވީގެ ހަށިގަނޑު ހޯމަ ދުވަހުގެ އިންޑިޔާއަށް ގެނެވުމާއެކު ޖަނާޒާގެ ކަންކަން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސްރީދޭވީ ދުބާއީއަށް ގޮސްފައިވަނީ އާއިލާގެ މެމްބަރެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. ހޮނިހިރު ދުވަހުގެ ރޭ ސްރީދޭވީ ފާހާނަތެރެއަށް ހޭނެތިގެން ވެއްޓިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސްރީދޭވީ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔުމުގެ މަގުމަތީގައިކަމަށްވެއެވެ.

ސްރީދޭވީ އާއި އޭނާގެ ފިރިމީހާ ބޮނީ ކަޕޫރު އަދި ހަގު އަންހެން ދަރިފުޅު ޚުޝީ ދުބާއީއަށް ދިޔަ އިރު ދޮށީ އަންހެން ދަރިފުޅު ޖާންވީ މުމްބާއީގައި ވަނީ މަޑުކޮށްފައެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމު ކަރަން ޖޯހަރުގެ " ދަޅަކް " ފިލްމުގެ ޝޫޓިންގ ކުރިޔަށްދާތީއެވެ. ސްރީދޭވީގެ ކުއްލި މަރާއެކު ބޮލީވުޑްގެ ފަންނާނުންނާއި މުޅި އިންޑިޔާ އަދި އޭނާގެ ފޭނުންނަށްވަނީ ކުއްލި ޝޮކެއް ލިބިގެން ގޮސްފައެވެ. އެއާއެކު ގިނަ ފަރާތްތަކަކުންދަނީ އެއާއިލާއަށް ތަޢުޒިޔާ ކިޔަމުންނެވެ.

ސްރީ ދޭވީ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ އުމުރުން އެންމެ ހަތަރު އަހަރުގައި އެވެ. ތަމިލް، ތެލުގޫ، މަލަޔާލަމް، ކަންނާޑާ އަދި ހިންދީ ފިލްމުތަކުގައި ސްރީ ދޭވީ އެކި ރޯލުތައް ކުޅެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް