ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުވެއްޖެ ނަމަ މީހުން ކަރަންޓީ ކުރާނީ ފުނަދޫގައި

ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނި، ނުރައްކާ ބޮޑޫވެއްޖެ ނަމަ ބަލިމީހުން ކަރަންޓީން ކުރާނީ އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ކަމަށް ހެލ...

26 Jan 2020 | 18:50

ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނި، ނުރައްކާ ބޮޑޫވެއްޖެ ނަމަ ބަލިމީހުން ކަރަންޓީން ކުރާނީ އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެ އަތުވެދާނެ ކަމަށް ބަލައި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ޕޯޓު ތަކުގައި ތާމަލް ކެމެރާ ބޭނުންކޮށްގެން ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. މިިހާތަނަށް އެ ބަލި ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.

ހެލްތް މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބަލި ޖެހޭ މީހުންނަށް ފަރުވާދީ ކަރަންޓީން ކުރާނީ ފުރަތަމަ ހުޅުމާލޭ ޕްރީ ސްކޫލްގައި ކަމަށެވެ. ފުނަދޫގައި ކަރަންޓީން ކުރަން ފަށާނީ ބަލީގެ ނުރައްކާތެރިކަން ބޮޑު ކޮންޓްރޯލް ކުރަން އުނދަގޫވާ ހާލަތަކަށް ގޮސްފި ނަމަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުނަދޫ ބޭނުން ކުރަންޖެހިދާނެ ކަމަށް ބަލައި މީހުން އެރަށަށް ގެންދިއުމުގެ އިންތިޒާމާއި އެ ރަށުގައި ބަލި ޖެހޭ މީހުން ކަރަންޓީންކޮށްގެން ބައިތިއްބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"ސަރުކާރުން މިހާރު ނިންމަވާފައި ވަނީ މާލެ ކުރިމަތީގައި މި އޮތް ފުނަދޫ އަކީ ވެސް މީތި [ކޮރޯނާވައިރަސް] ފުޅާވެއްޖެ ހިނދެއްގައި އައިސޮލޭޝަން ރަށެއްގެ ގޮތުގައި، އެ ރަށުގައި މިހާރު ހުރި ޖާގަ ބޭނުން ކުރެވޭ ގޮތަށް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ބޭނުން ކޮށްގެން ސްކްރީން ކުރެވޭ މީހުންނާއި ސުވާލު ކުރުމަށްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އޭގެ ފަހުގައި ހުމުގެ އަސަރު ފެންނަ މީހުން އިތުރު ޓެސްޓުތައް ހަދާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް މި ބަލި ޖެހިގެން41 މީހަކު މަރުވެފައިވާއިރު1300 އަށްވުރެ ގިނަ މީހުންގެ ގައިން ކޮރޯނާ ވައިރަސް ފެނިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް