މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުން ދެމުންދާ ހިދުމަތްތަކާއި މެދު މިހާތަނަށް އެއްވެސް ޝަކުވާއެއް ކުރައްވާފައި ނުވާކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނީ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތައް ވެސް ނުލިބޭ ކަމަށް އިއްޔެ ރޭ އިދިކޮޅު ޕީޕީއެމްއިން ހއ. ބާރަށުގައި ބޭއްވި އެއްވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ. އަދުރޭ އެރޭ ވިދާޅުވީ ޔާމީން ހުންނެވީ “ޖަލު މީހެއްގެ ހާލުގައި” ކަމަށާއި ކޮންމެ ދުވަހަކު ނުހައްގުން އަނިޔާ ދެމުން ދާ ކަމަށެވެ.
ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
ހޯމް މިނިސްޓްރުގެ އެންގެވުމަށް މިދިޔަ މަހުގެ30 ވަނަ ދުވަހު އިންސްޕެކްޓާ އޮފް ކަރެކްޝަންސް ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރެއްވި ކަަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު އެ ބައްދަލުވުމުގައި މީޑިއާގައި ދައުރުވަމުންދާ ކަންކަމުގެ ޝަކުވާ ރައީސް ޔާމީން ކޮށްފައި ނުވާ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
"މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ދެންނެވުނު ގައިދީގެ ފަރާތުންވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވިޔަސް އުފުލާފައި ނުވާކަމުގައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އަދުރޭ ވިދާޅުވީ، ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ނަމަވެސް ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާ އެކުގައި ކަމަށެވެ. އެ ހާލުގައި އޮންނަވައިގެން ވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ހާލަތާ މެދުގައި ކަމަށް އަދުރޭ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް