ނަޝީދާ މައުމޫން ހުންނެވި ޖަލު ގޮޅީގައި ޔާމީން ބެހެއްޓީ އިތުރަށް ފެންވަރު ރަނގަޅު ކޮށްފަ: އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުންނެވީ ބިކަ ހާލުގައި ދަތިތަކަކާއި އެކުގައި ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނަމުންދާ ވާހަކަތައް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އ...

26 Jan 2020 | 07:13

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ހުންނެވީ ބިކަ ހާލުގައި ދަތިތަކަކާއި އެކުގައި ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނަމުންދާ ވާހަކަތައް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ޔާމީން ހުންނެވި ޖަލު ގޮޅީގެ ހާލަތުގެ ތަފްސީލް ނުދެއްވާ އިމްރާް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މައުމޫން އަބްދުލް ގައްޔޫމް ނުހައްގުން ބަންދުކޮށްފައި ބެހެއްޓި ތަނުގައި ކަމަށެވެ. ޔާމީން އެތަނަށް ގެންދެވީ އިތުރަށް ފެންވަރު ރަނގަޅު ކޮށްފައި ކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ.

https://twitter.com/ShimranAb/status/1221319837055700992

މިނިސްޓާރު މިގޮތަށް ޓުވީޓު ކުރެއްވީ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތައް ވެސް ނުލިބޭ ކަމަށް އިއްޔެ ރޭ އިދިކޮޅު ޕީޕީއެމްއިން ހއ. ބާރަށުގައި ބޭއްވި އެއްވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ. އަދުރޭ އެރޭ ވިދާޅުވީ ޔާމީން ހުންނެވީ "ޖަލު މީހެއްގެ ހާލުގައި" ކަމަށާއި ކޮންމެ ދުވަހަކު ނުހައްގުން އަނިޔާ ދެމުން ދާ ކަމަށެވެ.

"މޫނު މައްޗަށް ބަލާލީމައި މުޅި މޫނުމަތީގައި އޮތީ ބިހި ނަގާފައި. ކީއްވެގެންތޯ އޮޅުން ފިލުވާލިއިރު ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅިބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ފެންވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނޫނީ ހުކުރަށް ވަޑައިގަންނަވަން އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ. މިހާ ހާލުގައި ރައީސް ޔާމީން ޖަލުގައި އެހޭދަ ކުރައްވަނީ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ނަމަވެސް ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާ އެކުގައި ކަމަށެވެ. އެ ހާލުގައި އޮންނަވައިގެން ވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ހާލަތާ މެދުގައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް