ސަރުކާރުގެ ޕްރޮޖެކްޓްތައް މިހާރު ހިންގަނީ މަޖިލީހުންތޯ؟

ޝައްކެތް ވަސްވާހެއް ނެތެވެ. އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ މަގުބޫލު ބޭފުޅާއެވެ. ސިޔާސީ މަސައްކަތުގައި އަރާހު...

26 Jan 2020 | 07:06

ޝައްކެތް ވަސްވާހެއް ނެތެވެ. އިއްޒަތްތެރި މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ސިޔާސީ ގޮތުން ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ މަގުބޫލު ބޭފުޅާއެވެ. ސިޔާސީ މަސައްކަތުގައި އަރާހުންނެވި ބޭފުޅެކެވެ. ޕަބްލިސިޓީ ސްޓަންޓް ޖެއްސެވުމާއި އިންތިޚާބުތަކާއި ދިމާކޮށް ސީދާ ރައްޔިތު މީހާ އަޑުއަހަން ބޭނުންވާ ވާހަކަ ވިދާޅުވާން ދެނެވަޑައިގަންނަވައެވެ. އެހެނަސް އެމަނިކުފާނު މިހާރަކަށް އައިސް ދައްކަވާ ބައެއް ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުހުންނަކަން ފާހަގަކުރެއެވެ.

އޭގެ ތެރެއިން އެއް މިސާލަކީ ދާދި ފަހުން ކ.ގުރައިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ސަރުކާރަކަށް ވުމުން މަޝްރޫއުތައް ހިންގަން ދަތިވާކަމަށެވެ. މިއީ ކޯލިޝަން ސަރުކާރެއްކަމުން މި ސަރުކާރުގައި ބައެއް ވުޒާރާތަކާއި ބައެއް ކުންފުނިތަކުގައި ތިއްބެވީ އެމްޑީޕީ މެމްބަރުން ނޫންކަމަށާއި އެހެންކަމުން ރައީސް އާއި އެމްޑީޕީ ބޭނުންވާގޮތަށް ކަންކަން ހިނގަމުން ނުދާކަމަށެވެ.

" މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އޮޅިވަޑައިގެންފައި އޮތީ އެމަނިކުފާނަކީ މަޖިލީހުގެ ރައީސް ކަމެވެ. ފަހަރެއްގައި ވެސް ދިވެހި ޖުމްހޫރިއްޔާގެ ރައީސް އެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގާ ތަނެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ މަޝްރޫއުތައް ލަސްވަނީއޭ ވިދާޅުވެ އެކަމުގެ އިލްޒާމް އެހެން ބައެއްގެ ބޮލުގައި އެޅުވުމީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ނޫނެވެ. ދިވެހި ރައްޔިތުން ވޯޓްދިނީ ޅ. ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިހު އަށެވެ. ރައްޔިތުންނަށް މަޝްރޫއުތައް ލަސްވާ ސަބަބު ވިދާޅުވާނީ އެބޭފުޅާއެވެ.

މަޖިލީހުގެ ރައީސް އެމްޑީޕީ މެމްބަރުން ހިތް ރުއްސަން ތި ދައްކަވާ ވާހަކަތަކުން އާއްމު ދިވެހި ރައްޔިތުންގެ މެދުގައި ރައީސް ނަޝީދާއި އެމްޑީޕީގެ އަގުދަނީ ވެއްޓެމުންނެވެ. އެއްވެސް ބޭފުޅަކު ރައްޔިތުންނަށްވުރެ މަތީގައި ގަދަ ފައި ވިއްދާފައި ހުރެވޭނެކަމަށް ހީފުޅު ނުކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް