ކުޑަކުދިންގެ ހައްގުގައި ބާއްވާ އެއްވުންތަކުގައި ގާނޫނުގެ ބޭރުން ކަންކަން ކުރޭ: ފުލުހުން

ކުޑަކުދިންގެ ހައްގުގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ގާނޫނުގައި ބުނެފައިވާގޮތާއި ހިލާފަށް މީހުންނަށް އަނިޔާކޮށް މުދަލާއި ތަކެއްޗާއި ގެއްލުން ދެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުން އި...

26 Jan 2020 | 03:13

ކުޑަކުދިންގެ ހައްގުގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކުގައި ގާނޫނުގައި ބުނެފައިވާގޮތާއި ހިލާފަށް މީހުންނަށް އަނިޔާކޮށް މުދަލާއި ތަކެއްޗާއި ގެއްލުން ދެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިނުމާ ދެކޮޅަށް ނުވަތަ އެކަމާ ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތައް ޒިންމާދާރުކުރުމަށް ބާއްވާ އެއްވުންތަކަށް ފުލުހުން އެއްބާރުލުން ދީ ހިތްވަރުދޭ ކަމަށެވެ. އެކަމަކު މިފަދަ ބައެއް އެއްވުންތަކުގައި، ބައެއް މީހުން ގާނޫނާ ހިލާފު އަމަލުތައް ހިންގައި، ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް އުނިިކަން ލިބި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރަމުންދެ އެވެ.

ފުލުހުން ބުނީ މިއީ ހެޔޮ ނިޔަތުގައި ބާއްވާ އެއްވުންތަކެއް ނަމަވެސް، ބައެއް މީހުން ހިންގާ މިފަދަ އަމަލުތަކަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭރު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޑުއުފުލުމުގެ މަގްސަދާ ވެސް ހިލާފު ކަމެއް ކަމަށެވެ. އެހެންވެ، ގާނޫނީ ހަމަތަކުގެ ބޭރުން އެއްވެސް މީހަކަށް ގޯނާކޮށް ނުހެދުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެ އެވެ.

"ކޮންމެ މީހަކާ މެދު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކޮށް، އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަކީ ފުލުހުންގެ މަސްއޫލިއްޔަތެކެވެ. އެހެންވެ، މި ފަދަ ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ، އަނިޔާވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމާއި ހާމަކުރުމުގައި މިހާރު ފަސްޖެހުމެއް ނެތުމުން އެފަދަ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަގުފަހިވެފައިވާ ކަަމަށެވެ. އަދި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، އެ ކުދިންނަށް އަމާން ވެއްޓެއް ކަށަވަރުކުރުމުގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގައި އަބަދުވެސް ތިބޭނެ ކަމުގެ ޔަގީންކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން މި ބަޔާން ނެރެފައި މިވަނީ ވިލިމާލޭގައި ދަރިއަކަށް ޖިންސީ ގޯނާ ކުރި ބައްޕައަކަށް ބަޔަކު އަނިޔާކޮށް ފުލުހުންނާއި ހަވާލުކޮށްފައި ވަނިކޮށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމި ހަތަރު ކުއްޖަކާއި ހަވާލުވާން ޖެންޑާ މިނިސްޓްރީގެ ޓީމަކާއި އެކު ރަށަކަށް ދިޔަ ފުލުހުންތަކަކަށް އެ ރަށުން ބަޔަކު ހުރަސް އަޅާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް