ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަދި ރާއްޖެއަކުން ނުފެނޭ: އެޗްޕީއޭ

ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަދި ރާއްޖެއިން ނުފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ. މިދިޔަ މަހު އެ ސިޓީން ފުރަތަމަ ފަހަރަށ...

26 Jan 2020 | 03:00

ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އަދި ރާއްޖެއިން ނުފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނެފި އެވެ.

މިދިޔަ މަހު އެ ސިޓީން ފުރަތަމަ ފަހަރަށް ފެނުނު މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން ދާއިރު މިހާތަނަށް1300 މީހުންނަށް މި ބަލި ޖެހި،41 މީހަކު ވަނީ މަރުވެފައި އެވެ. މި ބަލިން ރައްކާތެރިވުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތަކުގައި ވަނީ ސިއްހީ ހާލަތު ދެނެގަނެވޭނެ ނިޒާމުތައް ވަރުގަދަކޮށްފައި އެވެ.

އެޗްޕީއޭއިން ބުނީ މި ބަލި ޖެހިފައިވާ މީހަކު ނުވަތަ ޝައްކު ކުރެވޭ މީހަކުވެސް އަދި ރާއްޖެއިން ފެނިފައި ނުވާކަމަށެވެ. އެ އިދާރާއިން ދަނީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ އިތުރުން ވިޔަފާރި ބަނދަރުތަކުން ރާއްޖެ އެތެރެވާ މީހުންވެސް ސްކްރީން ކުރަމުންނެވެ.

އެއާޕޯޓޫތަކުގައި އެޗްޕީއޭއިން ވަނީ ތާމަލް ކެމެރާ ހަރުކޮށްފައި އެވެ. އެ ކެމެރާ މެދުވެރިކޮށް ހުން ހުރި މީހުންނާއި ކުރިން ހުން އައިސް ހުރި ނަމަ އޭގެ ހާލަތު ދެނެގަންނާނެ އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ނުފެންނަކަމަށް އެޗްޕީއޭއިން ބުނެފައި މިވަނީ މި ބަލި ޖެހިފައިވާ މީހަކު އެޑްމިޓްކޮށް ފަރުވާދެމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް