ކޮރޯނާ ވައިރަސް ދެން ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް: ދިރާސާ

ޗައިނާގެ ވޫހާން ސިޓީން މިދިޔަ މަހު ފެނުނު ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަކީ ދެން ވަރަށް އުނގަދޫކަމަށްވާނެ ކަމަށް މި ވައިރަސް ފެތުރެމުންދާ ގޮތާއި ގުޅޭގޮތުން ދިރާސާ ކުރަމުންދާ ފަރާތްތަކުން ބުނެފި އެވެ...

26 Jan 2020 | 02:30

ޗައިނާގެ ވޫހާން ސިޓީން މިދިޔަ މަހު ފެނުނު ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަކީ ދެން ވަރަށް އުނގަދޫކަމަށްވާނެ ކަމަށް މި ވައިރަސް ފެތުރެމުންދާ ގޮތާއި ގުޅޭގޮތުން ދިރާސާ ކުރަމުންދާ ފަރާތްތަކުން ބުނެފި އެވެ.

މި ދިރާސާ ކުރާ އެއް ފަރާތް ކަމަށްވާ އިނގިރޭސިވިލާތުގެ ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ އިންފެކްޝަން ޑިޒީސް ސްޕެޝަލިސްޓަކު ބުނެފައިވާގޮތުގައި ކޮރޯނާ ވައިރަސް ޖެހޭ މީހެއް ފަރާތުން ބަލި އަރަމުންދާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން އެކަކު ގައިން އަނެކަކުގެ ގަޔަށް އެރިޔަސް މިހާރު އެކަކުގެ ގައިން އިތުރު ދޭއް ނުވަތަ ތިން މީހުންގެ ގަޔަށް ކޮރޯނާ ވައިރަސް އަރަމުންދާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިހާ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރޭނަމަ ވޫހާން ސިޓީފަދަ ތަންތަނުގެ ތެރެއިން ބަލި ފެތުރޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ60 ޕަސެންޓު މީހުންނަށް ބަލި ނުޖެހި ނުދާނެ ކަމަށެވެ. އެކަމަކު އެއީ މި ބަލީގެ ހާލަތު ގޯސްވެ މަރުވާނެ ކަމަށް ލަފާ ކުރާ އަދަދު ނޫން ކަމަށާއި އެއީ ވައިރަސްގެ އަސަރު ކުރާނެ ވަރު ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ މެންޗެއްސްޓާ ޔުނިވާސިޓީގައި ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން ކުރި ދިރާސާ އާއި ގުޅޭގޮތުން ބުނެފައިވަނީ މިހާ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ ނަމަ އަންނަ ފެބްރުއަރީ ހަތަރުވަނަ ދުވަހާއި ހަމައަށް ހަމައެކަނި ވޫހާން ސިޓީން މި ބަލި 190،000 މީހުންނަށް ޖެހޭނެ އެވެ. އަދި ޗައިނާގެ އެހެން ސިޓީތަކަށާއި އެހެން ގައުމުތަކަށް ބަލި ފެތުރޭ މިންވަރު މިހާރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެ އެވެ.

އެ ޔުނިވާސިޓީގެ ދިރާސާގައި ބުނެފައިވާގޮތުގައި ޓެސްޓުތަކުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވަނީ1400 އެއްހާ މީހުން ކަމަށް ދެއްކިޔަސް ވޫހާން ސިޓީގެ4،000 ށް ވުރެ ގިނަ މީހުންނަށް އެ ވައިރަސްގެ އަސަރުކޮށްފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ޗައިނާގެ އިތުރުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ފެނިފައިވަނީ ޖަޕާން، އެމެރިކާ، ނޭޕާލް، ތައިލެންޑު، މަކާއޯ، ސައުތް ކޮރެއާ އަދި ހޮންގް ކޮންގް އާއި ސިންގަޕޫރުންނެވެ.

މިހާތަނަށް މި ބަލީގައި41 މީހަކު ވަނީ މަރުވެފައި އެވެ. ކޮރޯނާ ވައިރަސް އަކީ ވާލާ ޖަމަލުން ޖެހޭ ބައްޔެއް ކަމަށްވެ އެވެ. އާންމުކޮށް ގައިން ބަޔަށް އަރާ ބައްޔަކަށް ނުވިނަމަވެސް މިފަހަރު ފެނިގެން އުޅޭ ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކު ގައިން ގަޔަށް އަރާ ކަމަށް ޗައިނާގެ ސިއްހަތާ ބެހޭ މާހިރުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް