ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީ ދެނީ

ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީދޭން ދިވެހި ސަރުކާރުން ނިންމައިފި އެވެ. އެ ސިޓީގައި ހަތް...

25 Jan 2020 | 19:41

ހަލުވިކަމާއި އެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީދޭން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

އެ ސިޓީގައި ހަތް ދިވެހިން އެބަތިބި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ. އެ އެންމެންގެ ހާލު ރަނގަޅެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ސަރުކާރުން ދޭން ނިންމާފައިވާ މާލީ އެހީތެރިކަން އެ ހަތް މީހުންނަށް ފޯރުކޮށްދިނުމުގެ ކަންކަން ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ކުރަމުންދާ ކަމަށެވެ. އަދި އެމީހުންގެ ހާލު އެ މިނިސްޓްރީންނާއި ޗައިނާގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެ މީހުންނާ ގުޅޭނެ މައުލޫމާތު ފޮރިން މިނިސްޓްރީ ނުވަތަ ބެއިޖިންގައި ހުންނަ ދިވެހި އެމްބަސީގެ ކޮންސިއުލާ ނަމްބަރު 7983400 އާ ހިއްސާކޮށްދޭން އެދިފައިވެ އެވެ.

މީގެ އިތުރުން އެ ސިޓީގައި ތިބި ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމަށް ޗައިނާ ސަރުކާރާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ރާއްޖޭގައި ހުންނަ ޗައިނާގެ ސަފީރާއި އެ މިނިސްޓްރީން ބައްދަލުކޮށްފައިވާއިރު ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު މި ބަލި ޖެހިގެން41 މީހަކު ވަނީ މަރުވެފައި އެވެ. ވޫހާން ސިޓީގައި ބަލިފެތުރުން ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށް މަތިވެފައިވާތީ ޗައިނާ ސަރުކާރުން ވަނީ ބަލި ފެތުރޭ ސަރަހައްދުތައް ބަންދުކޮށް އެ ސަރަހައްދުން މީހުންނަށް ބޭރުނުވެވޭގޮތް ހަދައި އެ ސަރަހައްދަށް މީހުންނަށް އެތެރެ ނުވެވޭގޮތް ހަދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް