ސިޔާސީ މަސައްކަތްތަކުގައި އަނިޔާ ލިބިވަޑައިގެންނެވި ނަމަވެސް އެމަސައްކަތުގައި ސާބިތު ހުންނަވަނީ ގައުމަށް ރަނގަޅު ގޮތް އެެދޭތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު ބޭފުޅުންގެ މެންބަޝިޕް ފޯމް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ވަރަށް ގިނަ ފަހަރު "ބޮނޑި" އާއި "އަނިޔާ" ލިބިވަޑައިގެންފި ކަމަށެވެ.
ނަމަވެސް ގައުމަށް ރަނގަޅު ގޮތްވުމަކީ އެމަނިކުފާނަށްވެސް ރަނގަޅު ގޮތް ވާނެ ކަމެއް ކަމަށާއި އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދުމަށް ކަމަށާއި އިންތިހާބެއްގެ ކުރިން ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށްފިނަމަ އެވަގުތަކު އޮންނަ ސަރުކާރެއްގެ ގޮންޖެހުންތައް ޕާޓީއަށް ކުރިމަތިވާ ކަމަށެވެ.
ގާސިމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ތެރެއިން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި އެހެންކަމުން އިންތިހާބީ މަގާމަކަށް ކުރިމަތިލައިގެން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކުން ޖޭޕީއާ ގުޅުމަށްވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް