އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ތިން ޕްރޮޑަކްޓެއް އެސްޓީއޯއިން ތައާރަފްކޮށްފި

އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނަސްދިނުމުގެ ގޮތުން އެސްޓީއޯއިން ތިން ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް އިއްޔެ ތައާރަފް ކޮށްފިއެވެ. ލުއި، އަގުހެޔޮ، ކޮލިޓީ އަދި ތިމާވެ...

25 Dec 2019 | 04:31

އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނަސްދިނުމުގެ ގޮތުން އެސްޓީއޯއިން ތިން ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް އިއްޔެ ތައާރަފް ކޮށްފިއެވެ.

ލުއި، އަގުހެޔޮ، ކޮލިޓީ އަދި ތިމާވެއްޓާއި ރައްޓެހި ގަލެއް

މީގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ "ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކް"އެވެ. ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނަގައިގެން ރާއްޖޭގައި އާއްމުގޮތެއްގައި އުފައްދާ ގައު ނުވަތަ ސޮލިޑް ބްލޮކްތަކާއި ހިލާފަށް، ރިސައިކަލް ކޮށްފައިވާ ތަކެތިން އުފައްދާފައިވާ ތިމާވެއްޓާއި ރައްޓެހި މިއުފެއްދުމަކީ އިމާރާތުގެ ސްޓްރަކްޗަރއަށް ކުރާ ހަރަދު ކުޑަކޮށްދީ، މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް އެހީތެރިވެދޭނެ ޕްރޮޑަކްޓެކެވެ.

ތާމަލް އިންސިއުލޭޝަން ހިމެނޭ، 2 ފޫޓު ދިގުމިނުގެ މިބްލޮކް ބޭނުންކޮށްގެން ހަދާ އިމާރާތްތަކުގެ ކަރަންޓަށް ކުރާ ހޭދަ 20 އިންސައްތައަށް ކުޑަކޮށްދެއެވެ.

ރެނާކޮން އޮޓޮކްލޭވް ކޮންކްރީޓް ބްލޮކާއިއެކު މި ބްލޮކް ބޭނުންކޮށްގެން ރޭނުމަށްޓަކައި ބޭނުންކުރާ "ރެނާބޮންޑް ޖޮއިނިން މޯޓަރ"ވެސް އެސްޓީއޯއިން މިއަދު ވަނީ ތައާރަފް ކޮށްފައެވެ. ސިމެންތިއާއި ވެލި އެއްކޮށްގެން އުފައްދާ މޯޓަރތަކާއި ހިލާފަށް ރެނާބޮންޑް ޖޮއިނިން މޯޓަރަކީ، ބޭނުންވާ މިންވަރަށް ފެންއެޅުމަށްފަހު ވަގުތުން ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓެކެވެ.

ރެޑީމިކްސް ޕްލާސްޓާ - ހިމުންވެލި ނުލިބިގެން ޕްލާސްޓަރ ކުރުމަށް ހުރި ދަތިތަކަށް ހައްލެއް

ރާއްޖޭގެ ބާޒާރުގައި ހިމުންވެލި ލިބުމަށް ދަތިވެފައިވާތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރެޑީމިކްސް ޕްލާސްޓަރ ސޮލިއުޝަންއެއް ތައާރަފް ކޮށްފައެވެ. "ރެނާޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ"ގެ ނަމުގައި ތައާރަފް ކޮށްފައިވާ މިޕްރޮޑަކްޓް ބޭނުން ކުރުމުން، ހަރަދު ކުޑަ ގޮތަކަށް ޕްލާސްޓަރިންގގެ މަސައްކަތް ނިންމާލެވުމުގެ އިތުރުން އިމާރާތުގެ ފިނިޝިންގ އަށްވެސް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ.

މާލެއާއި ހުޅުމާލޭގައި ރެޑީމިކްސް ކޮންކްރީޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އިތުރުން، އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުހިއްމު އައިޓަމްތައް ވަރަށް ހެޔޮއަގުގައި އާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް