"ވެކޭ" ޖެއްސުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. މިބުރަބޮޑު ފޫހި ޙަޔާތުގައި މަޖާކޮށްލާނެ އަދި ބޯހަމަޖައްސާލާނެ ދުވަސްކޮޅެއް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އަދި މިކަމަށްޓަކައި ރާއްޖެއިން ބޭރަށް ދުރު ޤައުމުތަކަށް ދިޔުމަށް ހިތް ނޭދެނީ މަދުބައެކެވެ. ނަމަވެސް މި ހިތްހަމަޖެހުމުގެ ބޭނުމުގައި ތިމާއަށް ތިމާގެ ޙަޔާތް މިގަންބާލެވެނީ އަރަން އުނދަގޫ އަނދަވަޅުގަނޑަކަށެވެ. ޗުއްޓީއެއް ހޭދަކޮށްލުމަށްޓަކައި ލޯނެއް ނެގުމެވެ.
އަނެއްކާވެސް އެއްބަޔަކު ހިތްހަމަނުޖެހޭނެ ފަދަ ވާހަކައެކެވެ. "ތިމަންނަ އުޅޭނީ ތިމަންނައަށް ފެންނަގޮތަކަށޭ. އެއީ ކަލޭގެ ފައިސާހޭ." މިފަދައިން ހަމަގައިމުވެސް ހިތައްއަރާނެ ބަޔަކު ހުންނާނެއެވެ. ނަމަވެސް އަޚާއެވެ. ބޭނުން ޤައުމަކަށްގޮސް ބޭނުންހާ މަޖަލެއްކުރަން ތިނަގާ ލޯނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެއީ ބޮޑު ދަރަންޏެކެވެ. ބޮލުގަ އެދަރަނި އަޅައިގެން، ދުވަސްތައް ފާއިތުވަމުންދާވަރަކަށް އިތުރު ދަރަނިތައް ތިމާގެ ކޮނޑުމައްޗަށް ގިނަކޮށްގެން އުޅެން ވިސްނަނީހެއްޔެވެ؟
އަހަރުމެންނަކީ ޖެހިގެން އޮތް ސިކުންތުގައިވެސް ދެމިއޮތުމުގެ ޢާލަމަށް ދަތުރުފަށާފާނެ ބައެކެވެ. ބޮލުގައި އެޅިފައި އެއޮތް ލޯނަށް އޭރުންވާނީ ކިހިނެއް ހެއްޔެވެ؟ "ތިމަންނަގެ މައިންބަފައިން ދައްކާނެއެވެ." މިއީ ޙައްލު ހެއްޔެވެ؟ އަދިވެސް ޚަރަދު ބަރަދު ތިޖަހަނީ އެނިކަމެތި މަންމައާއި ބައްޕަގެ ބޮލަށް ހެއްޔެވެ؟ އެމީހެއްގެ ދަރަނި އަދާނުކުރާ މީހާއަށް ސުވަރުގެ ނުވަދެވޭނޭކަމަށް މާތް ނަބިއްޔާ ވަނީ އަންގަވާފައެވެ. ވީމާ ތިމާއާއި ސުވަރުގެއާއި ދެމެދުގައިވާ ފާރަކީ މިދުނިޔެމަތީގައި ތިބާގެ ހިތްއުފާކުރަން ނެގި ލޯނުކަމުގައި ވާން ބޭނުންހެއްޔެވެ؟
ހަރުދަނާ މީހަކީ އޭނާއަށް ލިބޭ ތިމާގެ އަމިއްލަ ޚަރަދުތަކާއި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންގެ ޚަރަދުތައް ބަލަހައްޓަން މަސައްކަތްކުރާމީހާއެވެ. ހަރުދަނާ މީހަކީ ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ތިމާގެ ޗުއްޓީ ހޭދަކުރާނެގޮތް ރާވާނެ މިހައެވެ. އެއްލޯނު ނަގައި އެލޯނު ނުދެއްކި އުޅެނިކޮށް އަނެއްކާވެސް އަނެއް "ވެކޭ"އަކަށް ދާން އަނެއްތަނަކުން ލޯނުނަގައި، ފައިސާއަށް އެންމެ ބޭނުން ޖެހޭ ފައިސާކޮޅެއް ހޯދޭނެ މަގުތައް ބަންދުވެފައި ހުރެދާނެއެވެ. އަދި މިގޮތަށް ލޯނަކަށްފަހު ލޯނެއް ނަގައި ދެ އަހަރެއްހާ ދުވަސްތެރޭގައި، ލިބޭ ހުރިހާ ފައިސާއެއް ތިމާގެ ލޯނުތައް ދައްކަން ޚަރަދުކުރަން ޖެހިދާނެއެވެ. ނުވަތަ އުމުރުހުސްވާއިރުވެސް ލޯނުތައް ނުދެއްކި އެތައް ތަނަކަށް ނުވަތަ އެތައް ބަޔަކަށް ދަރާފައި ހުރެދާނެއެވެ.
ބުނެލަން ބޭނުންވަނީ "ވެކޭ" ޖައްސަން ލޯނުނެގުމަކީ މިފަހަކަށް އައިސް ޒުވާނުންގެ ތެރޭގައި މާ އާންމުވެ، މާ "ސަޅި" ކަމަށްވެފައިވާކަމެވެ. ތިނަގާ ލޯނު ދެއްކުމަށް ކިތަންމެ ފަހިގޮތްތަކެއް ހުރިކަމުގައިވިނަމަވެސް އަހާލަން ހަމަ ބޭނުންވަނީ، މިޒަމާނުގެ ކުދިންގެ ގޮތުންނަމަ، "އިޒް އިޓް ރިއަލީ ވާރތް އިޓް؟" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް