ނައިބް ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝް އަށް މިހާރު ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރު ފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައްޒަމާންތަކަށް ދެމިގެންގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާއާއި ބަންގްލަދޭޝްގެ ފައުންޑިންގ ލީޑަރ ޝައިޚް މުޖީބުއްރަޙްމާންގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ، ތަހުނިޔާ އާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރައްވާފައެވެ.
އަދި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެޤައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ ރައީސްއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާ ދިވެހިރާއްޖެއަށް މުހިންމު ވާނޭ ކަންކަމުގައި މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފްދެއް ބައިވެރިވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް