އިސްލާމް ޓީޗަރު ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭ، ސީރިއަސް މައްސަލައެއްގެ ގޮތުގައި މިދަނީ ބަލަމުން: އެޑިއުކޭޝަން

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އިސްލާމް ޓީޗަރަކު އެ ސެންޓަރުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭކަމަށާއި އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި...

25 Nov 2019 | 17:07

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އިސްލާމް ޓީޗަރަކު އެ ސެންޓަރުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބެލެވޭކަމަށާއި އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ސީއެޗްއެސްއީގެ އިސްލާމް މުދައްރިސެއް ކަމުގައިވާ ހަސަން ޒަރީރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވމުންދާ ވާހަކަތަކާއި ގުޅިގެން އެކަން މިނިސްޓްރީން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ޙަސަން ޒަރީރުގެ ފަރާތުން ހިނގާފައިވާ ކަންކަން ކަމުގައި ބެލެވެއެވެ" އެޑިއުކޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ކަންކަމަކީ އިތުބާރުކުރެވޭފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތްތަކާއިމެދު ހިންގައިގެންވާނެ އަމަލުތަކެއްކަމުގައި ނުދެކޭކަމަށެވެ.

"ކިލާސް ރޫމް އަދި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް އިސްކަން ދެމެވެ. މިގޮތުން އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެފަދަ އަމަލެއް ސްކޫލުގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާނަމަ އެކަމެއް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ. އަދި މި ވޭތުވެދިޔަ އަހަރުތެރޭގައި އަމަލުކޮށްފައިވާނީވެސް މިގޮތުގެ މަތިންނެވެ." މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ދަރިވަރެއްގެ ޖިސްމަށް، އަބުރަށް، ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކނަމަ އެކަން ބަލައި އެކަމަށް ފިޔަވަޅު އާނެކަން މިނިސްޓްރީން އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނަށް ޔަގީންކޮށް އަރުވާކަމަށެވެ.

އަދި ސްކޫލް މާހައުލަކީ ރައްކާތެރި ހިނިތުންވެތިބެ އުނގެނުމަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައިވާ ތަނެއްކަމުގައި ހެދުމަށް އަބަދުވެސް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް