ކްލިކް ކޮލެޖުން މިހާރު ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "ނެކްސްޓް ސްޓެޕް" އެކްސްޕޯގެ މަގްސަދަކީ މި ދިވެހިރާއްޖޭގައި ވަރަށް ތަފާތު މަސައްކަތްތައް އެބަހުރިކަން ދަރިވަރުންނަށް އޮޅުންފިލުވައިދިނުން ކަމުގައި އެ ކޮލެޖުގެ ރައީސް ޑރ. ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ނައުޝާދު މިހެން ވިދާޅުވީ އެ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްޔެ ހަވީރު 04:00ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނައުޝާދު ވިދާޅުވީ ކްލީކް ކޮލެޖުން މިއެކްސްޕޯ ބޭއްވުމުގެ އެންމެބޮޑު މަޤްސަދަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ރާއްޖޭގައި ކުރެވެން ހުރި ތަފާތު މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުން ކަމަށެވެ.
"ދިވެހިރާއްޖާގައި ވަރަށް ތަފާތު މަސައްކަތް އެބަހުރި ކަން ކުދިންނަށް އޮޅުން ފިލުވައި ދިނުން... މީގެ ތެރޭގައި ވޮލަންޓިއަރ ކުރުމާއި ސްޕޯރޓްސް އެންޑް ފިޓްނަސް އާއި ބިއުޓީ އެނޑް ގްރޫމިންގް އަދި ކަލިނަރީ އަކީވެސް އަބުރުވެރި މަސައްކަތްތަކެއްކަން ކުދިންނަށް ކިޔައިދިނުން" ޑރ. ނައުޝާދު ވިދާޅުވިއެވެ.
އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އައި.އެލް.އޯ ގެ ހިސާބުތަކުން ދައްކާގޮތުގައި 2020 ގައި އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ވަކިން ޚާއްސަކޮށް ސައުތް އެޝިއާގައި ޔޫތް އަންއެމްޕްއިމެންޓް ރޭޓް ދަނީ މައްޗަށެވެ. އެގޮތުން މީގެ އެންމެ ބޮޑު އެއްސަބަބެއްކަމުގައި ބެލެވެނީ އޭޝިއާގެ ޤައުމްތަކުގައި ޑީސަންޓް ވޯރކް (ނުވަތަ އަބުރުވެރި މަސައްކަތް) ކުރުމުގެ ފުރުސަތު މަދުވުން ކަން އޭނާ ފާހަގަކުރެއްވިއެވެ.
ގެރިޕޯރޓްގައި ބުނާގޮތުން ފަގީރުކަން ނައްތާލުމަށާއި ސަސްޓެއިނަބަލް އެކޮނޮމިކް ޑިވެލެޕްމެންޓްއަށް އަބުރުވެރި ވަޒީފާއެއް މިއަދުގެ ޒުވާނުންނަށް ހޯދާދިނުމަކީ ކޮންމެހެން މުހިންމުކަމެއްކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. ނައުޝާދު ވިދާޅުވީ ދެ ދުވަހަށް ކުރިއަށް ދާ މިއެކްސްޕޯގައި 12 ޕްރެސެންޓޭޝަނަކާއި ޕެނަލް ޑިސްކަޝަންސް ކުރިއަށްގެންދާ ގޮތައްވަނީ ހަމަޖެހިފައި. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ކުދިންގެ "ޕާސަނަލް، ސޯޝަލް، އެޑިއުކޭޝަނަލް އަދި ވޮކޭޝަނަލް ސްކިލްސް ޑެވެލޮޕް" ކުރުން ކަމަށެވެ.
"ޕާރސަނަލް ޑިވެލެޕްމެންޓް ސެޝަންތަކުގައި ޕާރސަނަލް ސްކިލްސް ގެ އިތުރުން ޖޮބްއިންޓަވިއު އަކަށް ތައްޔާރުވާނެ ގޮތް ކިޔާދެވޭނެ. ސޯޝަލް ސްކިލްސް ސެޝަންތަކުގައި އެހެން މީހުންނާ މުޚާތަބުކުރަން ދަސްކުރުމަށް ކޮމިއުނިކޭޝަން ސްކިލް އަދި ސޯޝަލް ރިލޭލަންޝިޕް ސްކިލްސް ދަސްކޮށް ދޭނެ. މީގެ އިތުރުން ސްކޫލް ނިންމާ ދަރިވަރުންނަށް ކުރެވެން ހުރި ތަފާތު މަސައްކަތްތަކާއި ދާއިރާ ތަކާބެހޭގޮތުން މަޢުލޫމާތު ދެވޭނެ." ޑރ. ނައުޝާދު ވިދާޅުވިއެވެ.
މި އެކްސްޕޯގައި ޖޭސީއައި، އީ ގޭމިންގް އެސޯސިއޭޝަން، ޓްރެވެލަރ ގްލޯބަލް، އައިޓްކެންސް ސްޕެންސް ރިޒޯޓްސް، ލިކްންސާވް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އީއީސީ އޭސިއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ އިތުރުން ޔުނިކްސްޕޯ ބައިވެރިވެއެވެ.
ކްލިކް ކޮލެޖުން މައުލޫމާތުދެއްވާގޮތުގައި އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް ބޮޑަށް އަމާޒުކޮށް އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މި އެކްސްޕޯ މިއަދުވެސް ނޭޝަނަލް އާޓް ގެލަރީގައި ހަވީރު 04:00 އިން ރޭގަނޑު 10:00 އަށް ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް