ގއ. ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކޮށްފައިވާކަމަށް ބުނެ ފޭސްބުކްގައި މީހަކު ޖެހި ޕޯސްޓެއްގެ މައްސަލަ ފުލުހުންނާއި އެ ރަށު ކައުންސިލުން ބަލަން ފަށައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށު ކައުންސިލްގެ ރައީސް އެއީ އޭގައި ހަގީގަތެއް ހިމެނޭކަމެއްކަން ނުވަތަ ނޫންކަންވެސް ނޭނގޭ ކަމަށެވެ. އެކަން ބަލަން ފަށާފައިވަނީ ކުރިން ކައުންސިލްކަން ކުރެއްވި ބޭފުޅަކު އޭނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ކަމަށެވެ. އަދި ފުލުހުންވެސް އެ މައްސަލަ ބަލަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން އެ ރަށު ކައުންސިލްކަން ކުރެއްވި އަލީ އަހްމަދު އޭނާގެ ފޭސްބުކް އެކައުންޓްގެ ޕޯސްޓެއްގައި ލިޔެފައިވަނީ "ގެމަނަފުށިން ބަޔަކު މީހުން ރަސޫލު ކަމަށް ދައުވާ ކުރަނީ،" ކަމަށެވެ. ނަމަވެސް މިހާރު އެ ޕޯސްޓް ރިމޫވްކޮށްފައިވާކަމަށް ވެއެވެ.
އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ އެ ޕޯސްޓްކޮށްފައިވާ ފޭސްބުކް އެކައުންޓްގެ ވެރިޔާ، ކުރީގެ ކައުންސިލަރު އަލީ އަހްމަދަށް ގުޅާލުމުން އޭނާ ވިދާޅުވީ އެއީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ބަޔަކު ކުރި ކަމެއް ކަމަށާއި މިހާރު އެކައުންޓް ރިކަވަރ ކުރެވިފައިވާކަމަށެވެ. ޕޯސްޓް ޑިލީޓވެސް ކޯށްފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް