ފުލުހުންގެ 3 އޮފިސަރުން ވަޒީފާ އިން ވަކިނުކުރަން ހައިކޯޓުން އަމުރުކޮށްފި

ފުލުހުންގެ 3 އޮފިސަރުން ވަޒީފާ އިން ވަކިކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ. ހައިކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕ...

25 Oct 2021 | 18:10

ފުލުހުންގެ 3 އޮފިސަރުން ވަޒީފާ އިން ވަކިކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި އޮތުމުން ނެވެ.

ހައިކޯޓުގެ އަމުރުގައި ވަނީ ތިން އޮފިސަރުން ވަކިކުރުން ތަންފީޒު ކުރަން ޖެހޭނީ ސިވިލް ކޯޓުން މައްސަލައިގައި ގޮތެއް ނިންމުމުން ކަމަށެވެ.

ތިން ފުލުހުންގެ މަގާމު ދަމަހައްޓަން ދައުލަތުން ހައިކޯޓުގައި ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.

އެހެންނަމަވެސް ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ނުރައްކަލެއް އަދި ގެއްލުމެއް އެއްވެސް ފަރާތަކަށް ލިބުމުގެ އިޙްތިމާލު އޮތްތޯ ބަލާއިރު، މި ނުރައްކާ ނުވަތަ ގެއްލުން ވަޒަން ކުރަނީ ބެލެންސް އޮފް ކޮންވީނިއަންސް ޓެސްޓުން ކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

މި ޓެސްޓުގެ ދަށުން ވަގުތީ އަމުރު ނެރުމުގައި، އެ އަމުރެއް ނެރުމާއި ނުނެރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުން ބޮޑަށް އުފުލާ ތަޙައްމަލްކުރަން ޖެހެނީ ވަގުތީ އަމުރަށް އެދުނު ފަރާތުންތޯ ނުވަތަ ވަގުތީ އަމުރު ރައްދުވާ ފަރާތުންތޯ ބަލަންޖެހޭ ކަމަށް ވެސް ހައިކޯޓުން ބުނެފައި ވެއެވެ.

ދައުލަތުން ބުނެފައިވަނީ މި ފަރާތްތައް ވަޒީފާގައި ބޭތިއްބުމަށް އަމުރެއް ނެރެދީފިނަމަ، އެ ފަރާތްތަކަށް މުސާރައާއި ޢިނާޔަތްތައް ދޭންޖެހޭނެކަމާއި، މައްސަލައިގެ މައުލޫޢީ ގޮތުން ގޮތެއް ނިންމާއިރު، ދައުލަތާއި އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، މިއީ ދައުލަތަށް ލިބޭ އިޢާދަނުކުރެވޭ ބޮޑު ގެއްލުމެއްކަމަށެވެ.

އެކަމަކު ހައިކޯޓުން ބުނެފައިވަނީ މިވާހަކަތަށް ބަލާއިރު، ވަގުތީ އަމުރަށް އެދިފައިވާ ފަރާތްތަކަކީ، ވަޒީފާގައި ތިބި ބައެއް ކަމަށާއި ޚުޞޫމަތަކީ ވަޒީފާއިން ވަކިކުރަން ނިންމިގޮތް ކަމަށެވެ.

" ވީމާ ވަޒީފާގައި ތިބި ބަޔަކަށް މުސާރަ ދިނުމަކީ ދައުލަތަށް ލިބޭނެ ގެއްލުމެއް ނޫން. އަދި ވަގުތީ އަމުރަށް އެދިފައިވާ ފަރާތްތައް ހުށަހެޅި ޚުޞޫމާތް ފައިޞަލާކޮށް ނިންމުމާއި ވަގުތީ އަމުރުގެ މުއްދަތާއި އެފަރާތްތައް ފުލުހުންގެ ތެރޭގައި ވަޒީފާ އަދާކުރުންމަތީ ދެމިތިބި މުއްދަތާ އަޅާ ކިޔާއިރު، އެހާ ދިގު މުއްދަތެއްގެ ތެރޭގައި އެފަރާތްތަކުގެ ސަބަބުން ސަފުތަކުގެ ބަދަހިކަމަށް އައި ގެއްލުމެއް ބަޔާން ކޮށްދިނުމަކާއި ނުލައި ހަމައެކަނި އޮވެދާނެ އިޚްތިމާލެއްގެ މައްޗަށް ބުރަވެބުނާ ބުނުމަކީ ރަގަޅު ކަމަކަށް ނުދެކެން." ހައިކޯޓުގެ އަމުރުގައި ވެއެވެ.

އިސްމާޢީލް ޝަމީމް އާދަމް އާއި ޢަބްދުﷲ ޝަރީފް އަދި މުޙައްމަދު ދާއޫދު، އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ފުލުހުންގެ ބޯޑަށް ނުފެންނަކަމަށް ނިންމިކަމުގައި ވިޔަސް މިވަގުތީ އަމުރަށް އެދި ހުށަހެޅިއިރު، އެފަރާތްތަށް ވަޒީފާއިން ވަކިނުކުރާކަން އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުންގެ 7 އޮފިސަރަކު ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުން ގާނޫނާއި ޚިލާފު ކަމަށް ކަނޑައަޅައި ދިނުމަށް ފަސް އޮފިސަރުން ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވަގުތީ އަމުރު ނުނެރެވޭނެ ކަމަށް ނިންމުމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް