ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް އެކި އެކި ދާއިރާ ތަކުން ކުރިމަތިވެފަައިވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ބަހަށްވުރެ އަމަލު ގިނަ ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ޔޫ.އޭ.އީގައި ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020 ގައި ދިވެހިރާއްޖޭ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑް 19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ދަތި އުނދަގޫތަކުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަޤްބަލަކަށް ވާސިލް ވުމަށްޓަކައި ބަހަށްވުރެ އަމަލު ގިނަ ކޮށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.
ކޮވިޑް 19 ގެ ސަބަބުން ލިބުނު އިޤްތިޞާދީ ހީނަރު ކަމުން އަރައިގަތުމުގެ މަސައްކަތްތައް މުޅި ދުނިޔޭގައި ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި ޔޫ.އޭ.އީން އިންތިޒާމް ކޮށްގެން އެފަދަ ފުރިހަމަ އެކްސްޕޯއެއް ބޭއްވީތީ ޔޫ.އޭ.އީގެ ލީޑަރޝިޕަށް ރައީސް ތައުރީފު ކުރައްވާފައިވެއެވެ. އެގޮތުން ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް ދުބާއީ އެކްސްޕޯއަށް 192 ޤައުމެއް އެއްތަން ކުރުން އެއީ ޔޫ.އޭ.އީގެ ސަރުކާރުގެ ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއާއި ޔޫ.އޭ.އީ އަކީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ބާއްވަމުންދާ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަ ކުރައްވާފައިވެއެވެ. ބައިނަލްއަޤްވާމީ ބައެއް މައްސަލަތަކުގައި ދެ ޤައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ދުބާއީ އެކްސްޕޯގައި ރާއްޖެއަށް ޚާއްޞަކުރި ދުވަހު ބޭނުންކުރި "ދޯނި" ކޮންސެޕްޓުގެ ތަފްޞީލު ދެއްވަމުން ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށްވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ ދިވެހި ވަންތަ އެއްޗެއްކަން ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ، އެކްސްޕޯގައި ލިބޭ ފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަޤާފަތާއި އަދި ކުޑަޖަޒީރާ ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަަކަފުޅު ނިންމަވާލައްވަމުން މި އެކްސްޕޯއަކީ އެއްޤައުމު އަނެއް ޤައުމުގެ މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުޞަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަޤްބަލަކާއި ދިމާއަށް ދަތުރުކުރުމަށް ފުރުޞަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް