ޔޫޓީއެފް އެއްބަސްވުން ވަގުތުން އުވާލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުން އުވާލަން ގޮވާލައި އިދިކޮޅު ޕާޓީގެ ގުޅިފައިވާ ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން މިއަދު ބަޔާނެއް ނެރެފިއެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖޭގެ މިނިވ...

25 Oct 2021 | 14:20

އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުން އުވާލަން ގޮވާލައި އިދިކޮޅު ޕާޓީގެ ގުޅިފައިވާ ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން މިއަދު ބަޔާނެއް ނެރެފިއެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކުރަމުންދާ އެގްރިމެންޓްތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީން ދިރާސާ ކުރެެއްވުމަށް ރައްޔިތުން އެދެމުން ދާއިރު އަދި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ސޮއި ކޮށްފައިވާ ޔޫޓީއެފް އެގްރިމަންޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޙިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް ރައްޔިތުން އެދެމުން ދާއިރު ހިއްސާ ނުކޮށް ނުދެެއްކުމަކީ އަދި އެ ކޮމިޓީން އެ އެއްބަސްވުން ހޯދާފައި ނުވުމަކީ އިދިކޮޅު ޕާޓީގެ ކޯލިޝަނުން އިންތިހާ އަށް ކަންބޮޑުވާ ކަމެއްކަން ފާހަގަ ކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ޤަބޫލުކުރާގޮތުގައި އުތުރުތިލަފަޅުގެ އެގްރީމެންޓް ކަމަށް ބުނެ ސްކްރީނަކުން ލިޔުމެއް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުޞަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމް ކަމެކެވެ.

މިގޮތުން މި އެގްރިމެންޓް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެގްރީމެންޓް ހޯދާފައި ނުވުމަކީ ޔޫޓީއެފް އެގްރިމެންޓާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ފަރުވާ އެއް ހޯދައި ދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ފެއިލްވެފައިވާ ކަން ހާމަވާ ކަމެއްކަމުގައި ބުނެފައިވެއެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ އަށް ހުށަހެޅި ޕްރެޒެންޓޭޝަނުން އެނގުނު ގޮތުގައި ޔޫޓީއެފްގައި އިންޑިޔާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގެ ބަަޔަކަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދީގެން، ކުރިއަށް އޮތް 15 އަހަަރަށް ވުރެ ގިނަ ދުވަސްތަކަކަށް ތިބެވޭނެއެވެ.

އިންޑިއާއިން ގެންނަ މީހުންގެ ތެރޭގައި އިންޑިއާ ސިފައިން ނުހިމެނޭ ކަމަށް ބުނެފައި ނުވާއިރު ޚާއްސަކޮށް ދިވެހި އަސްކަރިއްޔާގެ މަރުކަޒެއްގައި އިންޑިއާ ސިފައިންނަށް ތިބުމަށް މަގުފަހިވާ އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމެއްނެތި ސޮއި ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާ ޚިލާފު ކަމެކެވެ.

އަދި މި އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި ބާރުތައް ގެއްލޭނެކަން ހާމަވާ ކަމެކެވެ. އެހެންކަމުން މިއީ އިދިކޮޅު ކޯލިޝަނުން ނުހަނު ކަން ބޮޑުވާ ކަމެއްކަން ހާމަ ކޮށްފައިވެއެވެ.

ކުރިއަށް އޮތް 15 އަހަރަށް ވުރެ ގިނަ ދުވަހު ޔޫޓީއެފް ހިންގާނީ އިންޑިއާގެ ހައިކޮމިޝަނަރގެ އިތުރުން އިންޑިއާގެ އިތުރު މީހުން ހިމެނޭ ކޮމިޓީއަކުންނެވެ. މިހެންވުމުން ރާއްޖޭގެ ދިފާއީ ބާރުގެ ފުރިހަމަ ބާރު ޔޫޓީއެފަކަށް ނުހިނގާނެއެވެ.

ޔޫޓީއެފަކީ ރާއްޖޭގެ އަސްކަރީ މަރުކަޒަކަށް ވާއިރު، އެތަން ހިންގުމުގައި އިންޑިއާގެ ދައުރެއް ބޭއްވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެގޮތުން މި އެއްބަސްވުމާއި ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ ޔޫޓީއެފް އެގްރީމެންޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކޮށްފައިވާ އެއްބަސް ވުމެއްކަން ދެއްކުމަށް އަސްކަރިއްޔާއިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެކަމުން ދޭހަވަނީ ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާ އަށް ފޯރަމުންދާކަން ކަމަށް ފާހަަގަ ކޮށް އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ އިއާދަ ނުކުރެވޭނެ ފަަދަ ގެއްލުން ޤައުމަށް ލިބިދާނެކަމެއް ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން މި ބަޔާނުގައި ދިވެހި އަސްކަރިއްޔާއަށް ވަސީލަތްތައް ހޯދުމުގެ މުހިންމު ކަން ފާހަގަ ކުރައްވާ ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި އަސްކަރިއްޔާ ބާރުވެރި ކުރުވައި، ތަރައްޤީ ކުރުމަށް ގިނަގުނަ މަސައްކަތަކެއް ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އިންޑިޔާއާއެކު ހަދާފައިވާ އެކްޝަން ޕްލޭންގައި، ޔޫޓީއެފް ތަރައްޤީކޮށް އެތަން އޮޕަރޭޝަނަށް ގެނައުމުގައި އަދި އޭގެ ފަހުންވެސް، އެއްވެސް ގޮތެއްގައި، އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ޔޫޓީއެފް ގައި ތިބުމަށް އެއްބަސް ވެފައި ނުވާނެކަމަށް ބުނެފައިވެއެވެ. އިތުރަށް ބުނެފައިވާ ގޮތުން އެފަަދަ އެއްބަސް ވުމެއްގައި ބޭރުގެ އެއްވެސް ޤައުމަކާއި އެކު ރައީސް ޔާމީންގެ ސަރުކާރުން ސޮއި ނުކުރެއްވީ ޤައުމުގެ ސިޔާދަތަށް ނުރައްކާވާތީ ކަމުގައި ބުނެފައިވެއެވެ. އަދި ޔޫޓީއެފް ތަރައްޤީ ކުރުމަށް ރައީސް ޔާމީން ނިންމައިފައިވަނީ ދިވެހި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންޑިއާ އިން ރާއްޖޭގައި އުދުއްސާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން އައުނުކޮށް އަދި ދެ ހެލިކޮޕްޓަރާއެކު އައިސް ތިބި އިންޑިއާ ސިފައިންގެ ވިސާ    ވެސް އައު ނުކޮށް އެ ދެ ހެލިކޮޕްޓަރާއި ސިފައިން ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ދަންނަވާފައި ކަމަށް ބުނެފައިވެއެވެ. އެއީ ރާއްޖޭގައި ބޭރު ޤައުމެއްގެ ސިފައިން ތިބުމަކީ ޤާނޫނު އަސާސީ އާއި ޚިލާފް އެކަމަކީ އިދިކޮޅު ކޯލިޝަނުންވެސް ތާއީދު ނުކުރާ ކަމަކަށް ވާތީ ކަމުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން 2021 ވަނަ އަހަރު ރައީސް ޞާލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސްް މުހައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިޔާއާއި އެކު ސޮއިކޮށްފައިވާ ޔޫޓީއެފްގެ އެއްބަސްވުމަކީ ޤާނޫނު އަސާސީ އާއި ޚިލާފަށް ދިވެހިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭގަޮަތަށް ހަދާފައިވާ އޭގެ ޒާތުގައި ބާތިލް އެގްރީމެންޓެއް ކަމުގައި ބުނެފައިވެއެވެ.

އެހެންކަމުން މިއަދު ނެރުނު ބަޔަނުގައި އެ އެއްބަސްވުން އުވާލުމަށާއި ރާއްޖޭަގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލާފައިވެއެވެ.

އަދި ޤާނޫނުއަސާސީ އާއި ޚިލާފު އެއްބަސްވުމެއް ހަދައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ނާންގައި، އެތައް ދުވަހެއް ވަންދެން ސިއްރު ކުރުމަށްފަހު، އެކަން ދިފާޢު ކުރުމަކީ ދިވެހި ޤައުމަށް ހިޔާނަތްތެރިވެ ޣައްދާރުވެފައިވާ ޚާއިނުންތަކެއްގެ ފިނޑި އަމަލެއް ކަމުގައި ބުނެފައިވެއެވެ. އެހެންކަމުން މި ކަމުގައި ޝާމިލްވާ އެންމެން ވަގުތުން އިސްތިއުފާ ދިނުމަށް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ. މީގެ އިތުރުން އެ ކޯލިޝަނުގެ ވެރިކަމެއްގައި ރާއްޖޭގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ފ) ގެ (2) އާއި ޚިލާފަށް ހަދާފައިވާ ހުރިހާ އެގްރީމެންޓެ ތަކެއް އުވާލާނެކަމުގެ ޔަޤީން ކަން ދިވެހި ރައްޔިތުންނަށް އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް