ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ބައްދަލުކުރާ އިރު، ޕާޓީ ހިތާމަވެރި ހާލަތެއްގައި އޮތްނަމަވެސް ހިތްވަރާއެކިގައި ނުކުންނަނީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް، މިގައުމު ސަލާމަތްކުރމުގެ މަތިވެރި އަޒުމުގައި ކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ ޕީއެމްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް 27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހުގެ ރޭ 21:00 ގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ޕީޕީއެމް ޖަގަހަ ތަކުގައިވެސް އެގަޑީގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.
"މިނިވަންކަމުގެ ދިފާޢުގައި ދިވެހިން މި ޓީޝާޓް އޮތް ބޭފުޅުންނާއި ޓީޝާޓް ނެތް ބޭފުޅުންނަށް ރަތްކުލައިގެ ހެދުމެއްގައި މި ހަރަކާތަށް ވަޑައިގަތުމަށް ދައުވަތު އަރުވަން. މި ހަރަކާތުގަ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން، ޕީޕީއެމްގެ ހުރިހާ ސަޕޯޓަރުން ބައިވެރިވުމަކީ ވަރަށްބޮޑު އެދުމެއް." ސުޖާއު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއުވަނީ ރާއްޖެއިން ބޭރުގައުމުގެ ސިފައިން ތިބުމާއިގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ.
އެގޮތުން ސުޖާއު ވިދާޅުވީ އެއީ ވަކި އިންޑިއާވީމާ ނޫން ކަމަށާއި އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެ ކޯލިޝަނުން ބޭނުންވާގޮތް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް