ޖިނާއީ މައއްސަލަތައް ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރެވޭނީ ޙައްދާއި ޤިޞާޞްގެ މައްސަލަތައް ފިޔަވައި، އެހެނިހެން މައްސަލަތަކުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ސުޕްރީމް ކޯޓުން ވަނީ ޒިނޭގެ މައްސަލަ ސާބިތު ކުރުމަށް ޑީއެންއޭ ގަބޫލު ކުރެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. މި ގޮތަށް ކަނޑައެޅީ ނަހަލާލަށް ބަލިވެ އިނދެ ވިހޭ މައްސަލައިގަ އެ އަންހެން މީހާ އާއި އެކު ޒިނޭ ކުރި ކަމަށް ތުހުމަތު ކުރާ ފިރިހެން ދެކޮޅު ހެދުމުންނެވެ.
މިމައްސަލައިގަ އަންހެން މީހާ ވިހޭ ދަރިފުޅުގެ ޑީއެންއޭ ފިރިހެން މީހާ އާއި ދިމާވުމުންވެސް އޭނާ ވަނީ އަންހެން މީހާ އާއި އެކު ޒިނޭ ކުރި ކަމަށް ދެކޮޅު ހަދާފަ އެވެ. އެ މައްސަލަ ދ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުންވެސް ނިންމާފައިވަނީ ޑީއެންއޭ ހެކި އިސްލާމީ ޝަރީއަތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމާއި ގުޅިގެން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުޞޫޞުތަކާއި ޝަރުޢީ ޤަވާޢިދުތައް ކަމަށެވެ. ޝަހީމް ވަނީ ޑީއެންއޭއިން ޒިނޭ ސާބިތުކޮށްފައިވަނީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ސުވާލު ކުރައްވާފަ އެވެ.
އަދި ވިދާޅުވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ބައިނަލްއަގުވާމީ ފިގުހު އެކަޑަމީ އާއި ސައުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ އެންމެ މަތީ މަޖިލީހުގެ މިސްރުގެ ދާޜުލް އިފްތާގެ ރައުުޔުގައި ވާގޮތުން ޑީއެންއޭއިން ޒިނޭ ސާބިތެއް ނުކުރެވޭނެ އެވެ.
https://twitter.com/Mohamedshaheem1/status/1452430065556283395
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް