ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމުން ވަކި ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި އދ. އާންމު މަޖިލީހުގެ ރައީސްކަން ޝާހިދު ކުރައްވާތީ އެވެ. ޝާހިދަކީ އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން ސާވިސްގެ ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، ވަޒީރަކަށް އިތުރު އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެވޭނެއެވެ. ޖާބިރު ވިދާޅުވީ ޝާހިދު ދެ މަގާމު އަދާ ކުރައްވަމުން ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ.
ޖާބިރު ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަމަކު ފޮރިން މިނިސްޓަރުގެ މަގާމުން ޝާހިދު ވަކި ކުރުމަކީ މަޖިލީހުގެ ތެރެއިން ކުރާނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ ޝާހިދު މަގާމުން ވަކިކުރަން އޭނާ ސުޕްރީމް ކޯޓަށް ވަޑައިގެންނަވާނެ ކަމަށް ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ ދެ މަގާމުގައި ޝާހިދު ހުންނެވީ ރާއްޖޭގެ އެތައް ތަނެއް ނުގަވާއިދުން ބޭރު ބަޔަކަށް ދީފައި ކަމަށެވެ.
މި މައްސަލައިގަ ސަރުކާރުން ބުނެފައިވަނީ އދ. ގައި ކުރާ މަސައްކަތްތަކަކީ ފޮރިން މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަމަކު ޝާހިދު އދ. ގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީންސުރެ ފޮރިން މިނިސްޓްރީ ހިންގެވުމުގައި އިސްކޮށް ހުންނަވަނީ އެހެން ބޭފުޅެކެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ ޝާހިދު ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް