ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް އަވަހަށް ނިންމަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ޖަލްސާ ފަށަމުން ވާހަކަފުޅުދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ގިނަ ބިލުތަކެއްގެ މަސައްކަތް ކޮމިޓީތަކުގައިފުނިޖެހިފަ ހުރި އިރު ސަރުކާރުން ބިލުތަކެއް ހުށަހެޅުމަށްވެސް ތައްޔާރުވަމުންދާކަމަށެވެ. ހުށަހަޅަން ތައްޔާރުވެފައިވާ ބިލުތަކުގެ މަސައްކަތް ކުރެވެން އޮތީ މިހާރު ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކުގެ މަސައްކަތް ނިންމައިގެން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ބިލެއްގެ މަސައްކަތް ނެތްއިރު، ކޮމިޓީތަކުގައި 33 ބިލެއްގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އެއީ ސަރުކާރުން ފޮނުވި 26 ބިލަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި ހަތް ބިލެކެވެ.
އެމަނިކުފާނު ވިދާޅުވީ ތަޅުމުގައި މަސައްކަތެއް ކުރަން ސަރުކާރުން ފޮނުވާފައިވާ ބިލެއް މިވަގުތު ނެތް ކަމަށެވެ. އެހެން ނަމަވެސް ކޮޮމިޓީތަކުގައި ގިނަ ބިލުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވެފައިވާ ބިލުތައް އެބަހުރި ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
މިި މައްސަލަތައް ހައްލު ކުރުމާއި ގުޅޭގޮތުން ވިދާޅުވީ ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުން އިތުރު ކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް