ޗައިނާ މަޝްރޫއުތައް ޕާކިސްތާނުން ލަސްކުރާތީ ދެ ގައުމުގެ ދެމެދު ހިތްހަމަ ނުޖެހުން އުފެދެނީ

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޯޕަރޭޝަންގެ ދަށުން ޕާކިސްތާނުގައި ޗައިނާގެ ކުންފުނިތަކުން ކުރިޔަށް ގެންދާ މިޔަ މަޝްރޫއުތައް އަވަސް ކުރަން ޕާކިސްތާނުން މަސައްކަތް ނުކުރާތީ ހިތްހަމަ ނުޖެހުން އުފެދެން ފަށަ...

25 Oct 2021 | 03:36

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޯޕަރޭޝަންގެ ދަށުން ޕާކިސްތާނުގައި ޗައިނާގެ ކުންފުނިތަކުން ކުރިޔަށް ގެންދާ މިޔަ މަޝްރޫއުތައް އަވަސް ކުރަން ޕާކިސްތާނުން މަސައްކަތް ނުކުރާތީ ހިތްހަމަ ނުޖެހުން އުފެދެން ފަށައިފި އެވެ.

މި ކޯޕަރޭޝަންގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިޔަށް ގެންދަނީ ހައިވޭތަކާއި މަގުތައް ހެދުމާއި، ޕާކިސްތާނުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހިންގާ ބޮޑެތި މަޝްރޫއުތަކެވެ. މި މަޝްރޫއުތަކަކީ 25.4 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކެކެވެ.

2017 ވަނަ އަހަރު އެއްބަސްވުމަކަށް އައި މި މަޝްރޫއުތަކުގެ ތެރެއިން ބައެއް މަސައްކަތް ޗައިނާގެ ކުންފުނިތަކުން ވަނީ ނިންމާފަ އެވެ. ނުނިމި ހުރި މަޝްރޫއުތަކަކީ ޕާކިސްތާން ސަރުކާރުން ފުރިހަމަކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުވެގެން ނުނިމި ހުރިކަންކަމެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސީޕީއީކޯގައި ހިމެނޭ ދެ ގައުމުގެ ވަފުދެއް މިމަހު ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޗެއާއަކަށް އިންނެވީ ޕާކިސްތާނުގެ ފެޑަރަލް މިނިސްޓާ ފޯ ޕްލޭނިން ޑިވެލޮޕްމެންޓު އެންޑް ސޯޝަލް އިނީޝިއޭޓިވް އަސަދު އުމަރެވެ.

މި ބައްދަލުވުމުގައި އަސަދު ވަނީ މިދިޔަ އޮގަސްޓު މަހު ޗައިނާގެ ކުންފުނިތަކުން އެދުނު ގޮތަށް ނިންމާފައި ހުރި ބައެއް މަޝްރޫއުތައް އަދިވެސް ހުރީ އޮޕަރޭޝަނަށް ނުގެނެވި ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އަނެއްކާވެސް އެކަންކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އަންގައި ކައިރި މުސްތަގުބަލެއްގައި އޮޕަރޭޝަނަށް ގެނެވޭތޯ ބަލާނެކަމަށެވެ.

ޕާކިސްތާނު މީޑިއާއިން ބުނީ އެ ބައްދަލުވުމުގައި ޗައިނާގެ ކުންފުނިތަކުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަ ދައްކާފަ އެވެ.

މި މައްސަލައިގަ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން މީގެ ކުރިން ވިދާޅުވީ ގިނަ މަޝްރޫއުތައް ހުއްޓުމަކަށް އައީ ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާއި ކޯވިޑާއި ގުޅިގެން ދިމާވި ދަތިތަކާއި ގުޅިގެން ކަމަށެވެ. އެކަމަކު މިހާރު ހާލަތުން އަރައިގަނެވިފައިވާ ކަމަށާއި ވަރަށް އަވަހަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮށްފައިވާ އިންވެސްޓުމެންުތައް ހިނގައި ގަންނާނެ ކަމަށެވެ.

ޗައިނާ އަކީ ޕާކިސްތާނުގެ ވަރަށް ގާތް އެކުވެރި އެކެވެ. ބޮޑެތި އިގްތިސޯދީ ޕްރޮޖެކްޓުތައް ޗައިނާގެ ކުންފުނިތަކާއި ހަވާލު ކުރުމުގެ އިތުރުން ޕާކިސްތާނުން އަސްކަރީ ހަތިޔާރު ގަންނަނީވެސް ޗައިނާ ކުންފުނިތަކުންނެވެ. އަދި ޗައިނާއިން ވަނީ ކޯވިޑްގެ ހާލަތުގައިވެސް ޕާކިސްތާނަށް ވެކްސިނާއި އެނޫން އެހީ ފޯރުކޮށްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް