ގދ. ފަރެސްމާތޮޑާގައި ޖުޒާމް ބަލި ފެތުރެމުން އަންނަ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ނެރުނު އިއުލާނެއްގައި ޖެހިފައިވަނީ އޮޅުމަކުން ކަމަށް އެ ސިއްހީ މަރުކަޒުން ބުނެފިއެވެ.
ޖުޒާމް ބައްޔަކީ 1960ގެ އަހަރުތަކުގައި ރާއްޖޭގައި ފެތުރުނު، ގައިން ގަޔަށް އަރާ ބައްޔެކެވެ.
އެ ރަށު ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޖުޒާމް ބަލި އެ ރަށުގައި ފެތުރެމުން އަންނަ ކަމަށާއި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކު މިހާރުވެސް އެ ރަށުގައި އުޅެމުން އަންނަ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރެވެން އޮތީ ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިގެން ކަމަށްވާއިރު ސްކްރީން ކުރުމަށް ދެވިފައިވާ ތާވަލާ އެއްގޮތަށް އައިޑީ ކާޑު ހިއްޕަވައިގެން ސިއްހީ މަރުކަޒަށް ދިއުމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނަމަވެސް އެރަށު ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި ޖުޒާމް ބަލި ފެތުރެމުން އަންނަ ކަމަށް އެ އިއުލާނުގައި ޖެހިފައިވަނީ މުވައްޒަފަކަށް އޮޅުމަކުން ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެ އިއުލާނުގައިވާގޮތަށް ސްކްރީން ކުރުމުގެ ޕްރޮގްރާމް އެ ރަށުގައި ކުރިއަށްގެންދިޔަ ކަމަށާއި އެ ސްކްރީނިން ޕްރޮގްރާމަކީ ޑަބްލިއުއެޗްއޯ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
މިކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ޖުޒާމް ބައްޔަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ، އަދި ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ ފަރުވާކޮށް ރަނގަޅު ކުރެވޭ ބައްޔެކެވެ. މި ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ގިނައިން ފާޅުވަނީ މޫނާއި ނޭފަތާއި ކަންފަތް ފަދަ ތަންތަނުންނެވެ. ބަލި ޖެހޭ ގުނަވަންތަކުން އިހްސާސް ކެނޑިގެންދާ މި ބަލި 2030 އާއި ހަމައަށް މުޅި ރާއްޖެއިން ނައްތާލުމަށް މި އަހަރު މަގުޗާޓެއް އެކުލަވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް