ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓު ކޮށް ފޮނުވުމުގައި އިސްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ މުހައްމަދު އަމީނުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ އަމީނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް އެކޯޓުން 15ދުވަސް ޖަހާދީފައިވާ ކަމަށެވެ. ފުލުހުން އަމީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕަޜޭޝަނެއްގައި އަތުލައިގަތް އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.
އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށްގެން ގެނައުމަށްފަހު ހުންނަނީ ދޫކޮށްލައިފައެވެ.
އެމެރިކާ އިން ބުނި ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވެ އެވެ.
އެމެރިކާ އިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް