ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ޚާއްސަ ހަފްލާގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.
ޖުމްލަ 30 މުވައްޒަފަކަށް މި އެވޯޑު ލިބިގެން ދިޔައިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ފާތިމަތު ރަޝީދާ ، ހެޑް އޮފް ރިކަވަރީސް އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. މީގެ އިތުރުން ބޭންކަށް 30 އަހަރު ޚިދުމަތްކޮށްދީފައިވާ އަމްސޫދާ ނައީމް (ސީނިއަރ އޮފިސަރ، އިންޓަރނޭޝަނަލް ބޭންކިންގ)، އާމިނަތު ނަސީމް (ކަސްޓަމަރ ސަރވިސް ޑެޕިއުޓީ މެނޭޖަރ)، އައިޝަތު ސަދްނާ (މެނޭޖަރ، ޗެކް ޕްރޮސެސިންގ)، އަދި އަބްދު ﷲ ޝަމީމް (ވޭމަންޑޫ ބްރާންޗް މެނޭޖަރ) އަށްވެސް ވަނީ އެވޯޑް ދީފައެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކަށް ވޭތުވެދިޔަ އަހަރުތަކުގައި އެ ބޭފުޅުން ކޮށްދެއްވައިފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށާއި ބޭންކް އޮފް މޯލްޑިވްސްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރާ މުވައްޒަފުން ދެމެހެއްޓި، މުވައްޒަފުންގެ އަގުވަޒަން ކުރެވޭކަމީ ބޭންކަށް ލިބޭ ބޮޑު ފަހުރެއް ކަމަށެވެ.
"ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން."ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް