އިލެކްޝަންސް ކޮމިޝަންގެ ރައީސް (ކ) އަދި އެ ކޮމިޝަނުގެ ނައިބުރައީސް (މ) އަދި ކޮމިޝަނުގެ މެންބަރަކު - ފޮޓޯ: އީސީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ
މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން
އެކުލަވާލައިފިއެވެ.
އެ ގަވާއިދު އީސީސިން އެކުލަވާލާފައިވާއިރު ރައްޔިތުންގެ
މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު
ކުރައްވާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނާ
އެއްހަމަ ވާނޭހެން އެ ކޮމިޝަނަށް މެންބަރުން އިންތިޚާބު ކުރުމުގައި ވޯޓު ދިނުމުގެ
ހައްޤު ލިބިފައިވާ ފަރާތްތަކާއި ވޯޓު ދިނުމގެ ޙައްޤު ލިބިފައިވާ
ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ރަޖިސްޓްރީ އެކުލަވާލުން އެ ގަވާއިދުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން އެ ކޮމިޝަނުގެ މެންބަރުންގެ އިންތިޚާބަށް
ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި އިންތިޚާބަށް
ހުޅުވާލުމާއި ކުރިމަތިލުމާއި ތާޢީދު ހޯދުމަށް ފުރުޞަތު ދިނުމާއި މޮނިޓަރ ކުރުމާއި
އޮބްޒާވް ކުރުމާއި ކެނޑިޑޭޓުން މަންދޫބުން ކަނޑައެޅުމާއި ސެކިއުރިޓީ ބެލެހެއްޓުމާއި
ވޯޓު ކަރުދާސް ދޫކުރުމުން ފެށިގެންގޮސް ވޯޓުލުމާއި ވޯޓު ގުނާ އިޢުލާނު ކުރުމާއި ހަމައަށް
ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ސާފު ގޮތް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ
ޤާނޫނުގައި ބުނެފައިވާގޮތުގައި އިލެކްޝަންސް އިން މިއަދު އެކުލަވާލައި ގެޒެޓު ކުރި
ގަވާއިދަކީ އެ ޤާނޫނު ތަސްދީގުކުރާތާ ހަތް ދުވަސްތެރޭގައި އިލެކްޝަންސް ކޮމިޝަނުން
ނިންމަންޖެހޭ ގަވާއިދެކެވެ.
އެ ޤާނޫނު ރައީސް ތަސްދީގު ކުރައްވައި ގެޒެޓުކޮށްފައިވަނީ
މީގެ ހަތް ދުވަސް ކުރިން 18 ސެޕްޓެމްބަރު 2025 ގައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން
އުވާލައި އަލަށް އެކުލަވާލެވޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ލާ ތިން މެންބަރަކާއި
މީޑިއާތަކުގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބުކުރާ ހަތަރު މެންބަރުން ހިމެނޭހެން
ހަތް މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަނަށް ރައީސަކު އައްޔަންކުރުމުގެ ބާރު
ލިބިގެންވަނީވެސް ރައްޔިތުންގެ މަޖިލީހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް