ފަލާހް، ރޭގެ ޖަލްސާގައި - ފޮޓޯ: ޕީއެންސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 80 އިންސައްތައަށް ވުރެ
މަތިން ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީގެ ކެންޑީޑޭޓުންގެ ކެމްޕެއިން އިފްތިތާހް ކުރަން އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ
ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ފަލާހު ވިދާޅުވީ، ރައީސް ޑރ.
މުހައްމަދު މުއިއްޒަކީ ވެވަޑައިގަންނަވާ ވައުދުތައް އޭގެ އެންމެ ފުރިހަމައިގައި ފުއްދަވާ
ވެރިއެއް ކަމަށާއި، ރަށްރަށުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް ބާރުމިނުގައި
ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން އެއްބާރުލުން ދޭ ކައުންސިލްތަކެއް
ބޭނުންވާ ކަމަށެވެ.
އަންނަ އޭޕްރީލް މަހު ހަތަރެއްގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުކަރުދާހުގައި ލާ ފާހަގައަކުން ރައްޔިތުންގެ ކުރިމަގު ބޭނުންވާ ގޮތަށް ނިންމޭނެ ކަމަށާއި އެ ދުވަހު ނިންމާނެ ތިޔަބޭފުޅުންގެ ދަރިންނާއި ރަށާއި ސިޓީ އާއި ގައުމަށްޓަކައި ކުރިއަށް ދާން، ކުރިއަރަން ރަނގަޅު ގޮތް ބޭނުންވާ ބައެއްތޯ ނުވަތަ އޮތް ގޮތަށް ސިޓީތަކުގެ ތަރައްގީ ބާއްވަން ބޭނުންވާނެ ބައެއްތޯ ކަމަށް ފަލާހު ވިދާޅުވިއެވެ.
އަދި މީގެ ކުރިން ކުޅުދުއްފުށި ސިޓީގެ
ކައުންސިލްގެ އަޢުލަބިއްޔަތު އޮތީ އެމްޑީޕީ އަށް ކަމަށާއި ނަމަވެސް މިފަހަރު ޕީއެންސީގެ
ޓީމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މި ފަހަރު އިދިކޮޅު
ޕާޓީގައި ވާދަކުރާނެ މީހުން ނެތުމުގެ ސަބަބުން ޕީއެންސީއަށް ހުސް ގޮނޑިތަކެއް ވަނީ
ކަށަވަރު ވެފައެވެ. އެއާއެކު އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ "ޒައާމަތް" ވާނީ ރާއްޖޭގެ ތާރީޙުގައި ވެސް ނުދެކޭ ވަރުގެ ތަރައްގީގެ ޒައާމަތަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް