ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ހަރަކާތްތައް މާދަމާ ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގައި ބާއްވާ ހަރަކާތްތައް މާދަން ފެށޭނެ ކަމަށެވެ.
އެގޮތުން ހަތް ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ "ޖަޒީރާ ކެނޮރީސް" ގެ ނަމުގައި ވ. އަތޮޅުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މިނިސްޓަރ ވަހީދް ވިދާޅުވީ، "ޖަޒީރާ ކެނޮރީސް" ރޭހުގައި 18 އަތޮޅަކުން ބައިވެރިވެފައިވާ ކަމަށާއި އެއީ ކޮންމެ އަތޮޅަކުން އަންހެން ފަލިޖެހުންތެރިޔަކާއި ފިރިހެން ފަލިޖެހުންތެރިޔެއެކެވެ.
އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު އިފްތިތާޙް ކުރައްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފްރީ ޑައިވް ރެކޯޑެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވަހީދް ވިދާޅުވިއެވެ. ފްރީވް ޑައިވްގައި ބައިވެރިވުމަށް 850 އަށް ވުރެ ގިނަ ދިވެހީން ރަޖިސްޓްރީ ވެފައިވާ ކަމަށް ވަހީދު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކިޑްސް ފިއެސްޓާ ބޭއްވުމުގެ އިތުރުން ޖޮބް ފެއާ ފަދަ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަގާފަތް ރަމްޒު ކޮށްދޭ ގޮތަށް ކަމުގައި މިނިސްޓަރު ވަހީދް ވިދާޅުވިއެވެ. އެގޮތުން ދިވެހި ފަންނާނުންނަށް ބޮޑަށް ފުރުސަތުތައް ދީގެން މި ހުރިހާ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް