ލުތުފީގެ ވީޑިއޯ ބަލަން ނިންމައިފި، ނަމަވެސް ޝަރީއަތުގައި ނުދައްކާގޮތަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ބަލަން ގާޒީ ނިންމި ނަމަވެސް ޝަރީއަތުގައި ނ...

25 Sep 2019 | 06:27

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ބަލަން ގާޒީ ނިންމި ނަމަވެސް ޝަރީއަތުގައި ނުދައްކާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ގާޒީ އަހުމަދު ހައިލަމް މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ ރައީސް ޔާމީންގެ ޝަރީއަތުގެ ފަސް ވަނަ އަޑުއެހުމުގައެވެ.

ދެން އޮންނަ ޝަރީއަތެއްގައި ދައުލަތުން ހުށައެޅި ލުތުފީގެ ވީޑިއޯ އިންޓަވިއުއާމެދު ގޮތް ނިންމަވާނެ ކަމަށް ގާޒީ ވަނީ މިދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ. އެގޮތުން އެ ވީޑިއޯ ބައްލަވާނެ ކަމަށާއި ޝަރީއަތުގައި ނުދައްކާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ދައުވާއަކީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން ޖަމާކުރި އެއް މިލިޔަން ޑޮލަރުގެ މައްސަލައިގެ ދައުވާއެވެ. އެމަނިކުފާނުގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮތް ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށްފަހު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް މި އަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން އަމުރެއް ކުރިއެވެ. ނަމަވެސް އެ އަމުރު ހައި ކޯޓުން ވަނީ ފަހުން ބާތިލުކޮށްފައެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް