އެރެއަށްފަހު- އެގާރަވަނަ ބައި

ކުރީގެ އަދަދާ ގުޅޭ... ނަޒާން އައިސް އިށީނީ ޝައިލާ އާއި ތަންކޮޅެއް ދުރުގައެވެ. އޭރުވެސް ޝައިލާ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. ގޮތެއް ވާކަން ނަޒާނަށް އެނގިދާނެތީ ޝައިލާ އަނެއް ފަރާތަށް މޫނު އަނބުރައ...

25 Sep 2019 | 05:05

ކުރީގެ އަދަދާ ގުޅޭ...

ނަޒާން އައިސް އިށީނީ ޝައިލާ އާއި ތަންކޮޅެއް ދުރުގައެވެ. އޭރުވެސް ޝައިލާ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. ގޮތެއް ވާކަން ނަޒާނަށް އެނގިދާނެތީ ޝައިލާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ދެކަކޫ މޭގައި ޖައްސައިގެން، ކަކުލުގައި އަތް އަޅުވައިގެން ޝައިލާ އިންއިރު، ދެފައިން ވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނާގެ ދެއަތް ކަކުލުގައި ވަށައިލައިގެން އިންއިރު ފައިތިލަ އިނީ ވެލިގަނޑުގެ ތެރެއަށް ވައްދާލައިގެންނެވެ. ނަޒާން ބަލައިލި ވަގުތު ފުރަތަމަ ވެސް އަޅައިގަތީ ވާއަތުގައި އިން ކެވެލިކޮޅެވެ. އަނެއް އަތުގައި ކެވެލިކޮޅު ނެތްކަން ފާހަގަވީ އެވަގުތުއެވެ. ނަޒާންގެ ހިތް ބިރުގަންނަން ފެށުމުން އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.

ކުއްލިއަކަށް ނަޒާން އެތަނުން ދާން ހިނގައިގަތުމުން ޝައިލާ ހައިރާންވިއެވެ. ނަޒާން ދިއުމުން ދެރަވިއެވެ. ފެންނަ ހިސާބުގައި އިންނާނެ ނަމައޭ އޭނާގެ ހިތައް އެރިއެވެ. ނަޒާން ދިއުމުން އޭނާ ދެރަވާންވީ ސަބަބެއް ނުވިސްނުނެވެ.

ނަޒާން އަންނަތަން ފެނުމުން ނުހާ އައިސް ސުވާލު ކުރަން ފެށިއެވެ. އެކަމާ މާބޮޑަށް އަޅާނުލައި ނަޒާން ގޮސް ލެފުނީ ބާބާކިއު ހަދާ ގްރިލް ކައިރިއަށެވެ. ޖައިލަމް އާއި އަދިވެސް ދެ ފިރިހެން ކުދިން އެތާ ކައިރީ ތިބީ ގްރިލް އިން މަސް ނަގައިގެން ކާށެވެ.

"އަހަންނަށް ހީވަނީ ފިހެ ނިމޭއިރު ނުހުންނާނެހެން" ނާޒިމާ ބުނެލިއެވެ. ނަޒާން ވެސް ގްރިލް ކައިރިއަށް ލެފިލައި ކުކުޅު ފައެއް ނަގައިގެން ބިންމަތީގައި އިށީނެވެ.

"ތިހާ ހޫނުކޮށް ހުއްޓަ ކާކަށް ނުވާނެ" ނަޒާން އަތަށް ތައްޓެއް ދިއްކޮށްލަމުން ނުހާ ބުނެލިއެވެ. އެތާ ކައިރީ ނަހުޒާން ވެސް އިނީ ކާށެވެ.  ނުހާގެ ސަމާލުކަން އޭނާއަށް ނުލިބުމުން ނަހުޒާން އިނީ ހިތްހަމަނުޖެހިފައެވެ. ނަޒާން ފެންނަން ހުރިއްޔާ އޭނާ އާއި ދިމާލަށް ނުހާ ބަލައިވެސް ނުލާނެކަން ޔަގީނެވެ.

މެންދުރުފަހު ކައިގެން އެންމެން ދިޔައީ މޫދަށެވެ. ސުމާ، އަހުލާމް އަދި ދެތިން އަންހެން ކުދިން މޫދުގައި އޮތް ޑިންގީ އަކަށް އަރައި ފޮޓޯ ނަގަން އުޅުނެވެ. އެމަންޒަރު ބަލަން ޝައިލާ އިނީ ސުމާ ގެނެސްދިން ޕާސްތާ ތަށި ހިފައިގެންނެވެ. މަޑުމަޑުން ކަމުން ދިޔައިރު އެމީހުން އުޅެމުން ދިޔަ ގޮތް ބަލަން އިނދެވުނީ ކަޅިޖަހާނުލައެވެ. އެމީހުން ހާދަ މަޖަލެވެ. އެސަކަރާތުގައި އޭނާ އަށް ބައިވެރި ނުވެވޭންވީ ކީއްވެގެން ހެއްޔެވެ. މުސްކުޅި ގުރޫޕްވެސް މޫދުގައި ބޯޅަ ކުޅެމުން ދިޔައެވެ. އެބަޔަކަށް ޖެހުނު ސަކަރާތެއް ހީހީފައި ޖަހަމުން ދިޔައެވެ.

"މޫދަށް ނޭރެނީތަ؟" ތައްޓަކަށް ޕާސްތާ އަޅައިގެން އައި ނަޒާން އަހައިލިއެވެ. އެއަޑަށް ޝައިލާ އިސް އުފުލައި ބަލައިލިއެވެ. އެވަގުތު ޝައިލާގެ ހިތުގައި ހީވީ މީހަކު ވިކައިލިހެންނެވެ.

ކުރިންވެސް އިން ހިސާބުގައި ދެފައި ވަށްކޮށްލައިގެން ނަޒާން އިށީނެވެ. އަދި ޝައިލާ ބަލަން އިން ދިމާލަށް ނަޒަރު ހިންގާލައިގެން ކަމުން ދިޔައެވެ. މިހެން އިންދައި ޝައިލާގެ ފޯނު ރިންގުވާން ފެށިއެވެ.

"އައިމް ފައިން" ޝައިލާ ބުނެލިއެވެ.

"ނޭރެން ހަމަ އިނީ ކާން ވެގެން" އަނެއްކާވެސް ޝައިލާ ބުނެލިއެވެ. އެއަޑުގައިވި މައުސޫމް ކަމާއި ނާޒުކުކަން ނަޒާންގެ ހިތައް ނަގައިގަނެވުނެވެ.

"ހަވީރުންނޭ ސުމް ބުނީ..." އަނެއްކާވެސް ޝައިލާ ބުނެލިއެވެ. ޝައިލާގެ ހާލު ބަލަން އަވަސް އަވަހަށް މިގުޅަނީ ކާކުބާއޭ ނަޒާންގެ ހިތައް އެރިއެވެ. އޭރު ސުމާ އާއި ދެމީހުން ދެއްކި ވާހަކައިން ވެސް ކޮންމެވެސް ކަމެއް އުޅޭހެން ނަޒާނަށް ހީވިއެވެ.

ކައި ނިމުމުން ޝައިލާ އިންތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ޝައިލާ ތަށި ބެހެއްޓުމަށްފަހު ފެން ބޯން އެނބުރުނު ވަގުތު ލައިގަތީ މޫދުން އަރައިގެން އައި ނުހާ ގައިގައެވެ.

"ހައި" ޝައިލާ ފެނުމުން ނުހާ ބުނެލިއެވެ. ނުހާގެ މޫނަށް ބަލައިލުމަށްފަހު ޝައިލާ ކުޑަކޮށް ހީލިއެވެ.

"އެބައުޅެން ދޯ... މީ ނުހާ" ސަލާމްކޮށްލަން އަތް ދިއްކޮށްލަމުން ނުހާ ބުނެލިއެވެ.

"ޝައިލާ" ނުހާގެ އަތުގައި ހިފައިލަމުން ޝައިލާ ބުނެލިއެވެ.

"ކުރިން ވެސް ފެނުނޭ... އެކަމް ނޭންގިދާނެ..." އަނެއްކާވެސް ނުހާ ބުނެލިއެވެ. ނުހާ ދައްކަމުން ދިޔަ ވާހަކައެއް ނޭންގިފައި ޝައިލާ އަށް ހުރެވުނީ ބަލާށެވެ.

"ހަނދާނެއް ނުވޭ" ޝައިލާ މަޑުމަޑުން ބުނެލިއެވެ. ޝައިލާގެ މޫނުމަތިން ފެންނަނީ ސުވާލުގެ ނަޒަރެވެ.

"މިބުނީ ދެކުނީމޭ ދެދުވަހަކު މަގުމަތިން... އެހެންވެ ކުޑަކޮށް ދަންނަ ވައްތަރު ޖަހައޭ ހެހެހެ"  ނުހާ އޮޅުންފިލުވައިދިނެވެ. ހީލުމަށްފަހު ޝައިލާ ފެންތައްޓެއް އަޅައިގެން ބޯން ފެށިއެވެ. ފަހަތުން އައިސް ހުއްޓުނު ނަޒާން ފެނުމުން ނުހާ ގޮވައިލިއެވެ. އެއަޑަށް ޝައިލާ ފަހަތް ބަލައިލިއެވެ.

"މިޔޮށް އައީނު... ކޮންއިރެއް ހޯދާތާ... ހިނގާބަލަ އެ ޑިންގީއަށް އަރާ ޑައިބު އުކަން" ނަޒާންގެ އަތުގައި ހިފައިލަމުން ނުހާ ބުނެލިއެވެ. ޝައިލާ އޭރުވެސް ހުރީ އެމީހުންނަށް ބަލަހައްޓައިގެންނެވެ. ޝައިލާ ބަލާކަން އިނގުމުން އޭނާ ނުހާގެ އަތް ފޮޅުވައިލިއެވެ.

"ޒާން ހިނގާބަލަ ދެން ތިހާ މޫޑީ ވެފަ ނުހުރެ" އަނެއްކާވެސް ނުހާ އެދުނެވެ. ނަޒާން ދެންވެސް ބަލައިލީ ޝައިލާގެ މޫނަށެވެ. ހީވީ އޭނާގެ ހުއްދައަށް އެދުނު ހެންނެވެ. ޝައިލާ އަވަސްވެގަތީ އެތަނުން ދާށެވެ. ޝައިލާ އެތަނުން ދިއުމުން ނަޒާން ޓީޝާޓު ބޭލުމަށްފަހު މޫދާ ދިމާލަށް ހިނގައިގަތެވެ.

"ޔޭ" ނަޒާންގެ ފަހަތުން ދުއްވައިގަންނަމުން ނުހާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ.

ނުހާ އާއި އެކީ ނަޒާން މޫދަށް އެރުނު ނަމަވެސް ނަޒާން ފަތާފައި ދިޔައީ އެމީހުންނާއި ދުރަށެވެ. ނަޒާން ދިޔައީ ޝައިލާ އިށީންދެ އިން ދިމާލަށެވެ. ފަތާން ނޭންގޭތީ ނުހާ އަށް ނަޒާން ފަހަތުން ދާކަށް ނުކެރުނެވެ. ނަޒާން މޫދުގައި އޮތީ ޝައިލާ ފެންނަ ހިސާބުގައި ތަންކޮޅެއް ގެނބުރުގައެވެ. މާރީތިކޮށް ޝައިލާގެ މޫނު ނޭންގުނު ނަމަވެސް އެތާ އިށީންދެ އެއިނީ ޝައިލާ ކަން ނަޒާނަށް ޔަގީނެވެ.

މޫދުގައި މާގިނައިރު އޮންނަން ވަރުބަލި ވުމުން ނަޒާން އެއްގަމާ ދިމާލަށް ފަތަން ފެށިއެވެ. ތިލަ ހިސާބަށް އައިސް ކޮޅަށް ތެދުވެ ހިނގައިގަތް ވަގުތު ނަޒާން ސިހުނީ ރާޅު ޖަހާ ހިސާބުގައި ކޮޅަށް ހުރި ޝައިލާ ފެނުމުންނެވެ. އޭނާގެ ނަޒަރު ވަނީ ފައިގައި ބީހެމުން ދިޔަ ރާޅުތަކަށް ހުއްޓިފައެވެ. ޝައިލާގެ ކައިރިއަށް އައިސް ނަޒާން ހުއްޓުމުންވެސް ބަލައިނުލިއެވެ. ވީގޮތެއް ނޭންގިގެން ނަޒާން އިރުކޮޅަކު ކައިރީ ބަލަން ހުރީއެވެ.

ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ޝައިލާ އުޑުފައިން އިށީނެވެ. އަދި މަޑުމަޑުން ލޮނުގަނޑުގައި އަތް ބީއްސައިލިއެވެ. މިހެން އިންދައި ފެނުނީ ކުއްލިއަކަށް އަރިއަޅާލައިގެން ވެއްޓުނު މަންޒަރެވެ. ހަމަ އެ ސިކުންތުގައި ނަޒާން އައިސް ޝައިލާގެ ގައިގައި ހިފައިލިއެވެ. އޭރު އޭނާގެ ލޯ ވަނީ މެރިފައެވެ. މޫނު ވަނީ އެކީ ރަތްވެފައެވެ. ރާޅު ޖަހާ ހިސާބަށް ވެއްޓުމުން ގައިގެ އެއްފަޅި ވަނީ ތެމިފައެވެ. ނަޒާން ދެފަހަރަކު ޝައިލާގެ މޫނުގައި ޖަހައިލިއެވެ. ދުރުގައި ތިބި މީހުންނަށް ބަލައިލިއިރު އެންމެންވެސް އެމީހުންގެ ސަކަރާތުގައި އުޅެއެވެ. ނަޒާން އަވަހަށް ޝައިލާ އަތްދަނޑި މައްޗަށް ލައިގެން ގޮސް ބޭއްވީ ނިކަގަސް ކައިރީ ހިޔަލުގައެވެ. ހަދާނެ ގޮތެއް ނޭންގިގެން ނަޒާން ދުއްވައިގަތީ ސުމާ ހޯދާށެވެ. ނަސީބަކުން އެވަގުތު ސުމާ މޫދުން އަރައިގެން އަންނަނީއެވެ.

މޫދުން އަރައިގެން އައި ސުމާގެ ލޮލުގައި އަޅައިގަތީ ދުވަމުން އައި ނަޒާނެއެވެ. އޭނާ އެ އަންނަނީ ސީދާ ސުމާ އާއި ދިމާލަށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާ އަށް އިހުސާސު ވިއެވެ. އަނެއްކާ ޝައިލާ އަށް ކަމެއް ވީބާއެވެ؟

"ޝައި... ޝަ" ނަޒާނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ސުމާ ދުއްވައިގަތެވެ.

"ޝައި.. ޝައި ވޭކް އަޕް" ޝައިލާ ކައިރީ އިށީންނަމުން ސުމާ ގޮވައިލިއެވެ.

"ފެންތައްޓެއް" ކޮޅަށް ހުރި ނަޒާންގެ މޫނަށް ބަލައިލަމުން ސުމާ އަވަހަށް ބުނެލިއެވެ. ވަގުތުން ނަޒާން ދުއްވައިގަތީ އަވަހަށް ފެންތައްޓެއް ހިފައިގެން އައުމަށެވެ.

"ނޫން ނޫން... ޝައި.. ލޯ ހުޅުވަބަލަ ޝައި ޕްލީޒް" ސުމާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ހިތް ބިރުގަންނަން ފެށިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެން ފެށުނެވެ. ސަކަރާތުގައި އުޅުން އިރު ޝައިލާ ކޮބައިތޯ ބަލައިލަން ހަނދާންނެތުނީއެވެ. ނަޒާނަށް ޝައިލާ އަވަހަށް ފެނުންކަން ވެސް ނަސީބެކެވެ. ކަމެއް ވެއްޖެނަމަ އެންމެންވެސް ކުށްވެރިކުރާނީ އޭނާ އެވެ.

ނަޒާން ފެންތައްޓެއް ހިފައިގެން އައުމުން ޝައިލާގެ މޫނުގައި ފެން ހާކަންފެށިއެވެ.

"ކަމްއޯން ވޭކްއަޕް ޝައި ޕްލީޒް" ސުމާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ކަރުނުން ފުރިގެންވި ލޮލުން ސުމާއަށް މަދަދަށް އެދި ބަލައިލެވުނީ ނަޒާންގެ މޫނަށެވެ.

ނަޒާން ވެލިގަނޑުމަތީ ދެކަކޫ ޖެއްސުމަށްފަހު ޝައިލާގެ ފިނި އަތްތިލައިގައި އޭނަގެ އަތް ހާކަން ފެށިއެވެ. އަނެއްކާވެސް ފެންފޮދެއް މޫނުގައި ހާކައިލައި، ދެކޮލުގައި ޖަހައިލިއެވެ. އޭގެ ދިހަ ސިކުންތުފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝައިލާ ލޯ ހުޅުވައިލިއެވެ. ސުމާ ވެސް ހަށިފުރައި ނޭވާއެއް ދޫކޮށްލިއެވެ.

ޝައިލާ އަށް ހީވީ ފުން ނިންޖަކުން ހޭލެވުނު ހެންނެވެ. ކައިރީގައި ސުމާ އާއި ނަޒާން ދެލޯ ބޮޑުކޮށްގެން ތިބުމުން އޭނާ ކުޑަކޮށް ބިރުގަންނަގޮތް ވިއެވެ.  ވަގުތުން ކޮޅަށް ތެދުވެ ދެމީހުންގެ މޫނަށް ބަލައިލިއެވެ.

"ޝައި އޯކޭތަ؟" ސުމާ އަވަހަށް އަހައިލިއެވެ.

"ކިހިނެއްވީ؟" ޝައިލާ އަހައިލިއެވެ.

"ޔޫ ފެއިންޓެޑް" ސުމާ ބުނެލިއެވެ.

"ހައު؟ ޝައި އިނީ މިތާ ކާންވެގެން... ކީއްވެ ތެމިފަ މިހުރީ؟" ގައިގައި އަތް ހާކައިލަމުން ޝައިލާ އަހައިލިއެވެ. ނަޒާން އޭރު ހުރީ ވާނުވާ ނޭންގޭހާލު އެމީހުންގެ ވާހަތައް އަޑުއަހާށެވެ.

"މޫދު ކައިރިއަށް ދިޔަ ހަނދާނެއް ނުވޭތަ؟" މިފަހަރު ސުވާލުކޮށްލީ ނަޒާނެވެ. ނަޒާންގެ އަޑު އިވުމުން ޝައިލާ އޭނާގެ މޫނަށް ބަލައިލިއެވެ.

"ހީ ސޭވްޑް ޔޫ... މޫދު ކައިރިއަށް ވެއްޓުނީ" ޝައިލާގެ ހިތުގައި އުފެދުނު ސުވާލަށް ޖަވާބު ދިނީ ސުމާ އެވެ.

ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު ޝައިލާ އެތަނުން ދާން ހިނގައިގަތެވެ. ސުމާ ވެސް ފަހަތުން ދާން ހިނގައިގަތެވެ. ދެމީހުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ނަޒާނަށް ހުރެވުނީއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް