ރޭލު ސްޓޭޝަނެއްގައި ލަވަކިޔަނިކޮށް އާންމުވި ވީޑިއޯއަކާއި ގުޅިގެން ބޮޑު މަޝްހޫރުކަމެއް ހޯދި ރާނޫ މަންޑޯލްގެ ހަޔާތުގެ މައްޗަށް ފިލްމެއް ކުޅެން ނިންމައިފިއެވެ.
ރާނޫގެ މައްޗަށް ބަޔޯޕިކް އެއް ހަދަން ނިންމާފައި ވަނީ މަޝްހޫރު ޑައިރެކްޓަރު ރިޝިކޭޝް މޮންޑަލެވެ. މި ފިލްމްގައި ރާނޫގެ ރޯލު ކުޅުމަށް ބެންގާލީ ބަތަލާ ސުދިބްތާ ޗަކްރޮބޮޓީ އަށް ހުށަހެޅި ނަމަވެސް އޭނާ ބުނެފައި ވަނީ ޖަވާބެއް ދެވޭނީ ފިލްމްގެ ސްކްރިޕްޓް ލިބުމުން ކަމަށެވެ. އޭނާ އަށް އެ ފިލްމް ހުށަހެޅި ކަމަށް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.
ރިޝިކޭޝް ބުނިގޮތުގައި، ރާނޫގެ ފޭނުން ތިބީ ރާނޫގެ ހަޔާތާއި ބެހޭގޮތުން އިނގެން ވަރަށް ބޭނުންވެފައި ކަމުގައެވެ. އެންމެ ރެޔަކުން ބޮޑު މަޝްހޫރު ކަމެއް ހޯދި މީހެއްގެ މައްޗަށް ފިލްމެއް ހެދުމުން، އެ ފިލްމަށް ވެސް ބޮޑު ތަރުޚީބެއް ލިބޭނެކަން ގަބޫލުކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
59 އަހަރުގެ ރާނޫ، ރޭލު ސްޓޭޝަނުން ފެށިގެން ހިމޭޝް ރޭޝަމިޔާ އާއި އެކީ ލަވަކިޔަން ލިބުނު ފުރުސަތާއި، އޭގެ ފަހުން އޭނާގެ ދިރިއުޅުން މި ފިލްމުން ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ރިޝިކޭޝް ވަނީ ބުނެފައެވެ. މި ފިލްމްގެ ސްކްރިޕްޓް ލިޔަމުން ދިޔައިރު ރާނޫގެ އަންހެން ދަރިފުޅާއި ބައްދަލުކޮށް ވާހަކަ ދައްކާފައި ވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ، މި ފިލްމާއި ބެހޭގޮތުން ރާނޫ އާއި ވާހަކަ ދެއްކި ކަމަށާއި، ރާނޫ އެދުނީ އޭނާ ދެރަވާފަދަ އެއްވެސް ވާހަކައެއް ފިލްމްގައި ނުހިމެނުން ކަމަށެވެ.
މި ފިލްމު ޝޫޓް ކުރަން ނިންމާފައި ވަނީ ރާނޫގެ އަވަށް ކަމުގައިވާ ކޮލްކައްތާގެ ރަނާގަތު ސަރަހައްދުގައެވެ. ރާނޫ ލަވަކިޔައި މަޝްހޫރުކަން ހޯދީ ވެސް ރަނާގަތު ރޭލު ސްޓޭޝަނުގައި ލަވަކިޔަނިކޮށެވެ. މި ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒް ކުރެވޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް