އިސްލާމާބާދު، ޕާކިސްތާން – ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމެއްގައި 22 މީހަކު މަރުވެއްޖެއެވެ.
އެތައް ގެއެއް ބިމާ ހަމަވެފައިވާއިރު މަގުތައް ކަނޑައިގެން ގޮސްފައިވެއެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 200 އިން މަތީގައެވެ.
މި ބިންހެލުމަކީ 5.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުމުގެ އަސަރު އެހާ ބޮޑުވެފައިމިވަނީ ސީދާ އެ ސަރަހައްދަށް އައި ބިންހެލުމަކަށް ވީތީ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެ ގައުމު ކުއްލި ހާލަތަށް އައިސްފައިވާއިރު އެ ގައުމުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ސަލާމަތީ ބާރުތައް ގުޅިގެން، މީހުން ސަލާމަތް ކުރުމާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވެއްޓިފައިވާ ބައެއް އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
2005 ވަނަ އަހަރުގައިވެސް މިފަދަ ބިންހެލުމެއްގެ އަސަރު ޕާކިސްތާނަށް ކުރިއެވެ. އެ ބިންހެލުމުގައި 80 ހާހަށްވުރެ ގިނަ މީހުން މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް