ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.
ރައީސް ސޯލިހް މި ޔަގީންކަށް މުޅި ދުނިޔެއަށް އިއުލާނުކުރެއްވީ އދ ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ޙައްލުކުރުމަށް އ.ދ. ގެ މެންބަރު ޤައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ވަޒަނަށް ގަވާއިދާ ހިލާފަށް އަރައިގަނެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިޒްރޭލުން އަރައިގެންފައިވާތީ އެކަން ރައީސް ސޯލިހް ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވިއެވެ.
އ.ދ. އުފެދިފައި ވަނީ ފަނާކުރަނިވި ދެ ހަނގުރާމައެއްގެ ސަބަބުން އަނދާއަޅިއަށް ވެގެންދިޔަ އެތައް މިލިއަން އިންސާނުންގެ ނެތިދިއުމުގެ ތެރެއިން ކަމަށާއި، އ.ދ. ގެ އަސްލު ބިނާވެފައި ވަނީ އިންސާނީ މިނިވަންކަމުގެ މަތިވެރިކަމާއި އަމިއްލަ ޤައުމިއްޔަތެއް ބިނާކުރުމުގެ ފުރުސަތު ކަށަވަރުކޮށްދޭ އަސާސް ތަކެއްގެ މައްޗަށް ކަމަށްވާތީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށްވެސް ބަސްބުނުގެ އިޙުތިޔާރު ލިބިދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް