ރާއްޖޭގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު އެ ގަުއމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ދެއްވައިފި އެވެ.
މޯދީ މި ދައުވަތު ދެއްވީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާއި ގުޅިގެން މަރުހަބާ ދެންނެވުމަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. އެ ކޯލާއި ގުޅޭގޮތުން އިބޫ ވިދާޅުވީ މޯދީގެ އެ ދައުވަު ގަބޫލު ކުރެއްވި ކަމަށެވެ.
އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މޯދީ ވިދާޅުވި ކަމަށާއި އަދި އެކަން ރަނގަޅު ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަަރައްގީ ގެނައުމުގަ އާއި ޑިމޮކްރެސީ ކުރިއެރުވުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މޯދީ އަރިހު ދެންނެވި އެވެ. އަދި އެކަން ގަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ވާދަކޮށް އިބޫ އިންތިހާބުގައި ކުރި ހޯއްދެވީ 40،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް