ރައީސް ސޯލިހްގެ އަރިހަށް ސިންގަޕޫރުގެ ސަފީރު ވަދާޢީ ޒިޔާރަތް ކުރައްވައިފި

ރައީސް ސޯލިހުގެ އަރިހަށް ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޯ، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު...

25 Aug 2019 | 14:43

ރައީސް ސޯލިހުގެ އަރިހަށް ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޗުއާ ތިއާން ޕޯ، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ސަފީރު، ފާއިތުވި 4 އަހަރުދުވަހު ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިކުރައްވަން ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި އޭގެ އިތުރުން ރައީސް ސޯލިހް ވަނީ އެމަނިކުފާނާއި އެެމަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ވަޑައިގަތުމުން އެގައުމުން ބެހެއްޓި ގާތްކަން ފާހަގަކޮށް އެކަމާ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ދޭދޭ ގުޅުން ބިނާވެފައިވާ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީގައި ސިންގަޕޫރުން މުހިންމު ދައުރެއް އަދާކުރަމުންގެންދާ ކަމަށާއި، ބޯހިޔާވަހިކަމާއި ތަޢުލީމީ ދާއިރާ އަދި، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ވެދީފައިވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާއާ ސިންގަޕޫރުގެ ސަފީރުވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް