ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއު ކުރަން މިރޭ ފަށަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ސުޕްރީމްކޯޓްގެ ބެންޗަށް ކުރިމަތިލައްވާފައިވަނީ ފަނޑިޔާރު ޢަލީ ސަމީރާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދާއި، ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީއަށް ދެ ބޭފުޅެއްގެ ނަން ފޮނުވާފައެވެ. އެއީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި، ސިވިލްކޯޓްގެ އިސްގާޒީކަންވެސް ކުރައްވާފައިވާ އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދު އެވެ. މި ދެ ނަން ބަލައިގަތުމަށް ނިންމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަން އަދި އެ ފުރުސަތު ހަމަވީ މިއަދު މެންދުރު ބާރަ ޖެހިއިރުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މީހަކު އައްޔަންކުރެވޭނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް