ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައި ވެއެވެ. އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިވަރސިޓީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާޞިލްކުރައްވާފައެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިބްރާހީމް ޝަކީލާ ޙަވާލުކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް